ބޮލީވުޑްގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު އަދި އާމިރު ޚާންގެ އަނބިމީހާ ކިރަން ރާއޯގެ ގެއިން 80 ލައްކަ އިންޑިއަން ރުޕީޒްގެ އަގުހުރި ގަހަނާ ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ބަންޑްރާ ގައި ހުންނަ ކިރަންގެ ގެއިން ގަހަނާތަކެއް ގެއްލިފައިވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ކިރަންގެ ބައްޕަ އެވެ. ކިރަންގެ ބައްޕަ އާއި ހަވާލަދީ އިންޑިއާ ނޫސްތައް ބުނާގޮތުން ކިރަންގެ އަނގޮޓި އަކާއި ހާރެއް ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

ކަބަޑެއްގައި ފޮރުވާފައި ހުރި ގަހަނާތައް ގެއްލުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަދި މިހާރު ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް، ފުލުހުންގެ ސީނިއާ އޮފިޝަލަކު ވަނީ ޔަގީން ކޮށްދީފަ އެވެ.

އެގޮތުން އެ ގޭގައި މަސައްކަތް ކުރާ ތިން މީހުންނާ ފުލުހުން ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް އެ މައްސަލާގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފަ އެއް ނުވެ އެވެ.