30 Nov 2016, 09:18
ޒިމްބާބްވޭގެ އަމިއްލަ ފައިސާ ބޭނުންކުރުން ހުއްޓާލިތާ ހަތް އަހަރުފަހުން އެގައުމުގައި އަނެއްކާ ވެސް އަމިއްލަ ފައިސާއެއް ނެރި، އޭގެ ބޭނުންކުރަން ފަށައިފި އެވެ.
ޒިމްބާބްވޭގައި އިންފްލޭޝަން ވަރަށް މައްޗަށް ގޮސް، އެގައުމުގައި ބޭނުންކުރަމުން އައި "ޒިމްބާބްވޭ ޑޮލަރު"ގެ އަގު މުޅިންހެން ވެއްޓުމުގެ ސަބަބުން، 2009 ވަނަ އަހަރު އެގައުމުގެ ސަރުކާރުން ވަނީ "ޒިމްބާބްވޭ ޑޮލަރު" ބޭނުންކުރުން ހުއްޓާލައިފަ އެވެ.
އޭގެ ފަހުން އެ ގައުމުގައި ލީގަލް ޓެންޑާގެ ގޮތުގައި ބޭނުންކުރަމުން އައީ ޔޫއެސް ޑޮލަރުގެ އިތުރުން ދެކުނު އެފްރިކާގެ ރާންޑު، ބޮޓްސްވާނާގެ ޕޫލާ، ސްޓާލިންގް ޕައުންޑް، ޔޫރޯ، އިންޑިއާ ރުޕީސް، އޮސްޓްރޭލިއާ ޑޮލަރު އަދި ޗައިނާގެ ޔުއާނެވެ. މީގެ ތެރެއިން ޒިމްބާބްވޭ ސަރުކާރުގެ ރަސްމީ ޓްރާންސެކްޝަންތަކުގައި ބޭނުންކުރީ ޔޫއެސް ޑޮލަރެވެ.
ޒިމްބާބްވޭގެ އިގްތިސާދުގެ ތެރޭގައި މުޅިން ވެސް ބޭނުންކުރީ ބޭރު ފައިސާ ކަމުން، އެގައުމުގެ އިގްތިސާދު ތެރޭގައި ދައުރުވަމުންދާ ފައިސާ ހުސްވެދާނެ ކަމުގެ ބިރާއި އެކު، އެގައުމުގެ ސަރުކަރުން މި އަހަރުގެ މޭ މަހު ވަނީ، އެގައުމަށް ޚާއްސަ، އާ ކަރަންސީއެއް ތައާރަފު ކުރާނެކަން އިއުލާން ކޮށްފަ އެވެ.
ދާދި ފަހުން އެގައުމުގައި "ބޮންޑް ނޯޓްސް"ގެ ނަމުގައި އާ ކަރަންސީއެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެގައުމުގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް ޒިމްބާބްވޭއިން ބުނާ ގޮތުގައި، އެއް ބޮންޑު ނޯޓުގެ އަގަކީ އެއް ޔޫއެސް ޑޮލަރުގެ އަގެވެ.
މިއީ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރި ކަމެއް ކަމަށް ވިޔަފާރިވެރިން ގަބޫލުކޮށް، މިކަމަށް މަރުހަބާ ކިޔަމުން ދިޔަ ނަމަވެސް ޒިމްބާބްވޭގެ ރައްޔިތުން އެގައުމުގެ އިގްތިސާދަށް އިތުބާރު ނުކުރެ އެވެ. ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެމީހުންގެ ބޭންކުތަކުގައި ހުރި ޔޫއެސް ޑޮލަރުތައް ބޭންކުން ނަގައި، ގޭގައި ރައްކާކުރަމުންނެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން، މި ފައިސާ ތައާރަފު ކުރުމާ ދެކޮޅު މުޒާހަރާތައް ކުރަމުން އަންނަ އިރު، އެގައުމުގެ ސަރުކާރުން ވަނީ މުޒާހަރާތައް ކުރުމަށް ރާވާ ފަރާތްތައް ހައްޔަރު ވެސް ރަމުންނެވެ.