ކުދި އާބާދީތަކުގައި ވެސް އެންމެ ރަނގަޅު ފެންވަރަކަށް ތައުލީމު ދެވޭނެ ގޮތްތަކަކާ ދޭތެރޭގައި ސަރުކާރުން ވިސްނަވަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރ. އަނގޮޅިތީމު ސްކޫލްގެ ރިހިޔޫބީލް ފާހަގަކުރުމަށާއި، އެ ސްކޫލްގެ 2010 ވަނަ އަހަރުގެ އިނާމު ދެއްވުމަށްޓަކައި މިއަދު ހެނދުނު އެ ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުދި ރަށްރަށާ އަޅާނުލައި މި ސަރުކާރުން ދޫކޮށް ނުލާނެ ކަމަށާއި ކިތަންމެ ކުޑަ އާބާދީއެއް އޮތް ނަމަވެސް، ރާއްޖޭގެ އެފަދަ ކޮންމެ ރަށެއްގެ ވެސް ދަރިކޮޅު، އެތައް އެތައް ސަތޭކަ އަހަރަކަށް ދެމިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެބައެއްގެ ހަޔާތާއި އެބައެއްގެ ކާބަފައިންގެ މުޅި ހަޔާތްވެސް ހޭދަވެފައި އޮންނަނީ، ހަމަ އެ ފަސްގަނޑުގައި ކަމަށާއި ކިތަންމެ މޮޅު އެހެން ގޮތެއް އޮތް ކަމަށް، ބަޔަކު ބުނި ނަމަވެސް، ރަށް ދޫކޮށް، އެހެން ތަނަކަށް ދިޔުމަކީ، ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތައުލީމީ ކަންކަމާއި ކުދި ރަށްރަށުގެ މަދްރަސާތައް ވެސް ހަރުދަނާ ގޮތެއްގައި ހިންގަމުން ގެންދިއުމަކީ ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް ކަމަށްވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަދި ވިދާޅުވީ ކޮންމެ ކުއްޖަކަށްވެސް ހަމަހަމަ ގޮތެއްގައި އެންމެ ރަނގަޅު ތައުލީމު ފޯރުކޮށް ދިނުމަކީ، ސަރުކާރުގެ މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށާއި، އެ މަސްއޫލިއްޔަތު އަދާކުރުމުގައި، ސަރުކާރުން ކަންކަން ކުރަމުން ގެންދަނީ، ސަރުކާރުގެ މާލިއްޔަތު ތަންދިން މިންވަރަކުން އަދި ފުއްދުންތެރިކަން ހުރިވަރަކުން ކަމަށެވެ. ސަރުކާރުން ފައިސާ ހަރަދު ކުރަންޖެހެނީ، މުޅި ރާއްޖެއަށް އެންމެ ފައިދާވާ، އެންމެ ފައިދާ ކުރާނެ ގޮތަކަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޭމްބްރިޖް އިމްތިހާނުގައި ބައިވެރިވާ ކުދިން، ފަސް މާއްދާއިން ސީ ގްރޭޑަށްވުރެ މަތިން ފާސްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި، މަދްރަސާތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އެތަނެއްގައި ހުރި ފައިސާއާއި ލިބޭ އާމްދަނީއާއި އަދި ހުރި ވަސީލަތްތައް، އެންމެ ރަނގަޅަށް ބޭނުންކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބައްލަން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލަމުން ގެންދާ ސިޔާސަތުތައް ތަންފީޒު ވީމާ، އަނގޮޅިތީމް ސްކޫލަށާއި އެފަދަ ކުދި މަދަރަސާތަކަށް ލިބޭ ފައިދާ، މިހާރަށްވުރެ އެތައް ގުނައެއް އިތުރުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

އަނގޮޅިތީމު މަދަރަސާގެވެސް އަދި ރާއްޖޭގެ ކޮންމެ މަދްރަސާއެއްގައިވެސް ބޭނުމަކީ، ދަރިވަރުންނަށް ކިޔަވައިދީ، ރަނގަޅު ތައުލީމެއް ދިނުން ކަމަށާއި، މަދްރަސާއަކީ ވަޒީފާގެ ފުރްސަތުތައް އިތުރުކުރުމަށް ހަދާ ތަނެއް ނޫން ކަމުގައި ވިދާޅުވި އެވެ.

"ލިބިފައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފައިގެން، ރައްޔިތުންނަށް އާމްދަނީ ހޯދައިދިނުމަށްޓަކައި ހިންގަންޖެހޭނީ އެހެން ޕްރޮގްރާމްތަކެއް، އެޕްރޮގްރާމްތައް ނުހިންގައި، މަދްރަސާއަށް ގެއްލުންވާކަހަލަ ގޮތަކަށް އަދި މަދްރަސާއަށް ކަނޑައެޅޭ ބަޖެޓްގެ ބޮޑު ބަޔަކީ، އެގޮތަށް ހަރަދުކުރެވޭ ކަމެއްގެ ގޮތުގައި އޮތުމަކީ، މަދްރަސާއަށާއި ހާއްސަކޮށް، ރަށުގެ ތަރައްޤީއަށް ލިބޭ ގެއްލުން ވަރަށްބޮޑުވާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެޖަލްސާގައި އަނގޮޅިތީމު ސްކޫލްގެ ރިހި ޔޫބީލްގެ އެވޯޑްތަކާއި، އެސްކޫލުން 2010 ވަނަ އަހަރު އެކިއެކި މަގާމުތައް ހާސިލްކުރި ކުދިންނަށް، އެވޯޑާއި ސެޓްފިކެޓްތައް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ އެވެ.