މި ލޮބުވެތި ގައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ނުދީ، އަންނަން އޮތް ޖީލުތަކަށް މި ގައުމު ވާސިލްކޮށްދިނުމަށްޓަކާ ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް ފަސްނުޖެހުމަށް ރައީސް ގޮވާލައްވައިފިއެވެ.

މިއަހަރު ފާހަގަކުރާ 70 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި ތަހުނިޔާގައި ވަނީ، މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުން ގައުމީ އަބްތާލުންގެ ޤުރުބާނީތަކުން އިބްރަތް ހާސިލްކޮށް، ގައުމައިގެން ކުރިއަށްދިއުމުގެ އާ އަޒުމްތަކެއް ކަނޑައެޅުމަށް އިލްތިމާސް ކޮށްފައިވެއެވެ.

"މި ލޮބުވެތި ގައުމަށްޓަކައި ފަހުރުވެރިވުމާއި ގައުމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމާއި ގައުމުދެކެ ލޯބިވުމަކީ އަޅުގަނޑުމެންގެ ގައުމީ އަބްތާލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުއޫރު ކަމުގައި ވާންޖެހޭނެ،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، ޒަމާނެއްގެ ކޮޅުންވެސް އެ ކަންކަމަށް ބަދަލެއް ނާންނާނެ މިންވަރަކަށް ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންވާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހު ދިވެހިން ފާހަގަކުރާ ގައުމީ ދުވަހަކީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު، ޕޯޗްގީޒުންގެ އަތްދަށުގައި އޮތް ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

އަނިޔާވެރި 15 އަހަރާއި ހަ މަސް ދުވަހުގެ ދިގު އަދި ހިތްދަތި އަޅުވެތިކަމަކަށްފަހު ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ އެއްވަނަ ވިލޭރޭ އެވެ. އެގޮތުން ދިވެހި ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.