ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އަނެއްކާވެސް ހަތަރު ޕަސެންޓަށް ވެއްޓިއްޖެ އެވެ.

ތެލުގެ އަގު އިތުރަށް ދަށްވެފައިވާއިރު، ދެމެހެއްޓެނެވި ގޮތެއްގައި ތެޔޮ އުފައްދައި، ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކައި ތެޔޮ އުފެއްދުން މަދު ކުރުމާ މެދު މެދު ގޮތެއް ނިންމުމަށް މާދަމާ އޯޕެކް ގެ ގައުމުތަކުން އެއްވާނެ އެވެ.

ސެޕްޓެމްބަރު މަހު ބޭއްވި އެ ޖަމިއްޔާގެ ބައްދަލުވުމުގައި ތެޔޮ އުފެއްދުން މަދުކުރުމާ މެދު ނެގި ވޯޓުން ވަނީ އެކަން ފާސްވެފައެވެ. އޮސްޓްރިއާގެ ވެރިރަށް، ވިއެންނާގައި މާދަމާ ބާއްވާ ބައްދަލުވުމުގައި ވޯޓުން ފާސްކުރި ނިންމުން އެއްބަސްވުމެއްގެ ކުލަ ޖެއްސުމަށް ބަހުސް ކުރާނެ އެވެ. އަދި އެ ބައްދަލުވުމުގައި އެ އެއްބަސްވުން ފައިނަލައިޒްކޮށް ގައުމުތަކުގެ މެދުގައި އެއްބަސްވާނެ އެވެ.

މާދަމާގެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ދާން ރާވާފައިވާއިރު، އޯޕެކްގެ ބައެއް މެމްބަރު ގައުމުތަކުން ވަނީ އެ ނިންމުމާ ދެކޮޅު ހަދާފައެވެ. އަދި ކަމާ ބެހޭ ބައެއް މާހިރުންވެސް ވަނީ އޯޕެކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އެފަދަ އެއްބަސްވުމެއް ގާއިމް ކުރެވޭނެ ކަމާ މެދު ސުވާލު އުފައްދާފައެވެ.

ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް އިއްޔެ ވަނީ 1.76 ޑޮލަރުން ދަށްވެ، 46.48 ޑޮލަރަށް ވެއްޓިފައެވެ.

ސެޕްޓްމެބަރު މަހު ބޭއްވި އޯޕެކްގެ ބައްދަލުވުމުގައި ފާސްކުރީ، ދުވާލެއްގެ މައްޗަށް މިހާރު އުފައްދަމުންދާ ތެލުގެ މިންވަރުން 700،000 ފީފާގެ ތެޔޮ އުފެއްދުން މަދު ކުރުމަށެވެ.

ތެލުގެ އަގު ދަށަށް ދިއުމާ ގުޅިގެން ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވާ ގައުމުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އޭގެ ތެރޭގައި ތެޔޮ އުފައްދާ ކުޑަ ގައުމުތައްވެސް ހިމެނެއެވެ. އެފަދަ ގައުމުތަކުން ވަނީ 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ދަށަށް ގޮސްފައިވުމާ ގުޅިގެން ތެލުގެ އަގު އުފުލުމަށްޓަކައި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.