މެލޭޝިއާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް މިރޭ މާލެއިން ފުރާވައިޑައިގެންފައިވަނީ 11:25 ހާއިރު ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަކުންނެވެ.

ރައީސްގެ އެ ދަތުރުފުޅާ ގުޅިގެން ރައީސް އޮފީހުން ބުނީ، އުމްނޯގެ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުއްރައްޒާގާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ. މެލޭޝިއާގެ ބޮޑުވަޒީރަކީ އުމްނޯގެ ރައީސެވެ.

ރައީސް ޔާމީން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައެއްނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ދެ ޑެޕިޔުޓީ ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވެސް ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާނޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް މިއަދު މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފާތުމަތު އިބްރާހިމްގެ "ސަދަގާތް ފައުންޑޭޝަން"ގެ ހިލޭ އެހީގެ ދަށުން ބޭއްވި ޚިތަނީ ކޭމްޕް ނިންމުމަށް ހުޅުމާލޭ ގާޒީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޭގެ އިތުރުން ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ހަބޭސް3"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި މިއުޒިކް ޝޯއަށް ވެސް ވަޑައިގެންފައިވެއެވެ.