އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅުގެ މައްސަލާގައި ވިލާ ހޮޓެލްސްއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.

ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅު އަނބުރާ ސަރުކާރަށް ނެގީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރާއި ވިލާ ރިޒޯޓްސްއާ ދެމެދު ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓާ ޚިލާފަށް ކަމަށް ކަނޑައަޅައި ޓޫރިޒަމް މިނިސްޓްރީގެ އެ ނިންމުން ސިވިލް ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ އެންގުން ބާތިލްކޮށްފައި ވަނީ އެއީ އެގްރީމެންޓާ ޚިލާފު އެންގުމަކަށްވާތީ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، އެ އެގްރީމެންޓުގައި އެ ކުންފުނީގެ ފަރާތުން އަލީ އިބްރާހީމް އެއްބަސްވެފައި ވަނީ ލ. ކައްދޫއިން ދޫކުރި ބިމާ ގުޅިގެން އަދި ކައްދޫއިން ބިން ކުއްޔަށްދޫކުރި އެއްބަސްވުމާ ގުޅިގެން އެއްވެސް ދައުވާއެއް ސަރުކާރުގެ މައްޗަށް ނުކުރުމަށްކަމަށެވެ.

އެއީ އަލީ އިބްރާމާއި އޭނާއާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެގްރިމަންޓްގެ ދަށުން އުފަންކުރުވި އިލްތިޒާމްތަކެއް ކަމަށާއި އެހެންކަމުން އަލީ އިބްރާހީމް ފިޔަވައި އެހެން ފަރާތެއްގެ މައްޗަށް އެ އެއްބަސްވުމާ ގުޅިގެން އިލްތިޒާމެއް ނެތްކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައި ވަނީ ދެފަރާތު ދެމެދު ވެވުނު ސެޓްލްމަންޓް އެގްރިމަންޓުގެ މައިގަނޑު މަގްސަދާއި އެމައްސަލާގައި ކަންހިނގާ ދިޔަ ގޮތަށް ރިޢާޔަނުކޮށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހުގެ ފަހުން ސެޓްލްމަންޓް އެގްރިމަންޓްގެ ބައިވެރިންނާ "އެމެންޑަޑް އެންޑް ރީ-ސްޓޭޓަޑް ލީޒް އެގްރިމަންޓް" ގައި ބައިވެރިވާ އެންމެހައި ފަރާތްތަކަކީ ތަފާތު ފަރާތްތަކެއް ކަމަށާއި، ސެޓްލްމަންޓް އެގްރިމަންޓްގެ ދަށުން ވިލާ ހޮޓެލްސް އިން އަދާކުރަންޖެހޭނެ އެއްވެސް އިލްތިޒާމެއް އެ އެގްރީމެންޓުގައި ބަޔާންވެގެންނެތްކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ވެއެވެ.

ނަމަވެސް ހައިކޯޓުން މިއަދު ކަނޑައަޅާފައި ވަނީ އަލީ އިބްރާހީމާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެވުނު އެމެންޑަޑް އެންޑް ރީ- ސްޓޭޓަޑް ލީޒް އެގްރިމަންޓް ދަށުން އަލީ އިބްރާހީމްއަށް ލިބިގެންވީ އެންމެހައި ހައްގުތަކާއި އިލްތިޒާމްތައް "ޑީޑް އޮފް އެސައިންމަންޓެއް" ގެ ދަށުން ދެހާސް ސާދަ ވަނަ އަހަރުގެ މާޗް މަހުގެ ތިން ވަނަ ދުވަހު ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް އަށް ބަދަލު ކޮށްފައިވީ ހިނދު، އެމެންޑަޑް އެންޑް ރީ -ސްޓޭޓަޑް ލީޒް އެގްރިމަންޓަކީ ސެޓްލްމަންޓް އެގްރީމެންޓުގެ ބާރު ނުފޯރާގޮތަށް އޮތް މުޅިން މުސްތަގިއްލު ވަކި އެއްބަސްވުމެއްކަމުގައި ނުބެލެވޭކަމަށެވެ.

ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.