ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން، މެލޭޝިއާގެ ކުއަލަ ލަމްޕޫރުން މިރޭ މާލެ އައުމަށް ހަމަޖެހިފައި އޮތް އެއާ އޭޝިއާގެ ފްލައިޓު އޭކޭ 8366 މާލެ އައުން ކެންސަލް ވެއްޖެއެވެ.

ކުއަލަ ލަމްޕޫރުގައި ހުރި ފަސިންޖަރަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ، އެއާ އޭޝިއާގައި މިއަދު 150 އަށް ވުރެ ގިނަ ދިވެހީން މާލެ އައުމަށް ތިބި ކަމަށެވެ.

އެހެން ނަމަވެސް ބައެއް މައްސަލަތަކާ ހުރެ ފްލައިޓު ޑިލޭވީ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން، ފްލައިޓަށް ބައެއް ފަސިންޖަރުން ނޭރުމުގެ ސަބަބުން އެމީހުންގެ ބެގޭޖު ބޭލި ކަމަށާއި، އެއަށް ފަހު ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފްލައިޓުގައި ބޭތިއްބުމަށްފަހު ފްލައިޓުން ފަސިންޖަރުން ބޭލި ކަމަށް އެ ފަސިންޖަރު "ސަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެއާ އޭޝިއާގެ ރާއްޖޭގެ އޮފީހުގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، އެއާ އޭޝިއާގެ އެ ފްލައިޓަށް ދިމާވީ، އެހެން އެއާލައިންތަކަށް ވެސް ދިމާވާ ފަދަ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފްލައިޓުން ބެގޭޖު އޮފް ލޯޑު ކުރަން އުޅުމުގެ ތެރޭގައި ޓެކްނިކަލް މައްސަލަތަކެއް ފާހަގަވެ، ފްލައިޓުން ފަސިންޖަރުން ބޭލިކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އަދި ފަހުން މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

"ހައްލުކޮށް ނިމިގެން ބެލި އިރު، މާލެ އެއާޕޯޓު އެބަ ބަންދުކުރޭ 12 ޖަހާ އިރު. އޭރަށް ވާއިރަށް މި ފްލައިޓަކަށް ނާދެވޭނެ މާލެއަށް. އެހެންވެ މިރޭގެ ފްލައިޓު ކެންސަލް ކުރެވިފަ ވަނީ. އެބޭފުޅުންނަށް އެކޮޅުން ހޮޓެލްތަކުން އެކޮމޮޑޭޝަންވެސް ހަމަޖައްސައި، ހުރިހާ ކަމެއް ކޮށްފި. މާދަމާ ހެނދުނު އެ ފްލައިޓު މާލެ އައުމަށް ނައްޓާލާނެ،" އެއާ އޭޝިއާގެ މާލޭގެ އޮފީހުގެ އޮފިޝަލް ވިދާޅުވިއެވެ.

އެއާ އޭޝިއާއަކީ އޭޝިއާ ސަރަހައްދުގެ މަޝްހޫރު ބަޖެޓް އެއާލައިނެކެވެ. އަދި އެއާ އޭޝިއާއަކީ މާލެއާއި މެލޭޝިއާއާ ސީދާ ގޮތުން ގުޅުވައިދޭ ހަމައެކަނި އެއާލައިނެވެ.