ރަޖިސްޓްރީކޮށްފައިވާ ދިވެހިންގެ އައިޑީކާޑު ނަންބަރު ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް ލިބޭ ގޮތަށް އިންޓަނެޓު ވެބްސައިޓެއްގައި ޑޭޓާބޭސްއެއް ލީކުކޮށްލި ހަބަރު ފެތުރުނުތާ ދެ ގަޑިއެއްހާއިރު ފަހުން އެ ވެބްސައިޓް ނުބެލޭ ގޮތަށް ޑައުންކޮށްލައިފި އެވެ.

އެ ވެބްސައިޓް ޑައުންކުރީ ކޮން ބަޔެއް ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ފުލުހުން ބުނަނީ، ދިވެހިންގެ ޒާތީ މައުލޫމާތުތައް އާއްމުކޮށްލި ވެބްސައިޓާ ގުޅޭ އެއްވެސް ޝަކުވާއެއް ނުލިބޭ ކަމަށާއި އެ މައްސަލަ ރަސްމީކޮށް ރިޕޯޓްކުރުމުން ތަހުގީގު ކުރަން އޮންނަ އުސޫލުން ބަލަމުންގެންދާނެ ކަމަށެވެ.

ސަން އިން މިހާތަނަށް ބެލިބެލުން އެނގިފައި ވަނީ، އެ ވެބްސައިޓް ޑައުންކޮށްފައި ވަނީ އެ ޑޭޓާބޭސް ލީކުކޮށްލި ފަރާތުންނެވެ.

އެ ވެބްސައިޓްގެ ޑޮމެއިން ރަޖިސްޓްރީކޮށްފައި ވަނީ ފުވައްމުލަކު ފިރިހެނެއްގެ ނަމުގަ އެވެ. އޭނާގެ ފޯނު ނަންބަރަށް ގުޅިއިރު ޖަވާބެއް ނުދެ އެވެ.

ޑޭޓާބޭސް ޑައުންކޮށްފައިވާ ނަމަވެސް، މައުލޫމާތުގެ ބޮޑު ބައެއް ވަނީ ގޫގުލްގައި ކޭޝްވެފަ އެވެ.

އެހެންކަމުން އެ ޑޭޓާބޭސް ޝާއިއުކޮށްފައި އިން ވެބްސައިޓުގެ ޑޮމައިން އެޑްރެހާއެކު ހޯދަން ބޭނުންވާ މީހެއްގެ ނަން ޖަހައިފަ ގޫގުލްގައި ސާޗުކުރުމުން، އެމީހަކާ ބެހޭ މައުލޫމާތުގެ ބޮޑު ބައެއް ފެނެ އެވެ. ބައެއް މީހުންގެ އައިޑީ ކާޑު ނަންބަރު ފެންނަން އެބަހުއްޓެވެ.

ލީކުކޮށްލާފައިވާ ދިވެހިންގެ ޑޭޓާބޭސްގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިންގެ ނަމާއި އެޑްރެހާއި އުމުރުގެ އިތުރުން އުފަން ތާރީހާއި އަދި މަރުވި ތާރީހު ވެސް އެނގެން ހުއްޓެވެ. އަދި އައިޑީ ކާޑު ނަންބަރު ޖަހައިގެން އެމީހެއްގެ މައުލޫމާތު ބަލައިލެވޭ އިރު ވަކި އެޑްރެހެއްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓު ވެސް ބެލެން ހުއްޓެވެ.

އެ ޑޭޓާބޭސް އިން ފެންނަ ގިނަ މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް، 17 އަހަރުގެ ބައެއް ކުދިންގެ މައުލޫމާތު ވެސް ފެނެ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެފައި ވަނީ، އެ މައުލޫމާތު ލީކުވެފައި ވަނީ އެތަނުން ނޫން ކަމަށެވެ. އަދި ލީކުކޮށްލާފައިވާ ދިވެހިންގެ ޑޭޓާބޭސް އަކީ އެތަނުގެ ޑޭޓާބޭސް ނޫން ކަމަށް ވެސް އެތަނުން ބުނެ އެވެ.

އިލެކްޝަންސް އިން ބުނަނީ، މިހާތަނަށް ބެލި ބެލުމުން އެ ޑޭޓާބޭސްގައި ހިމަނާފައި ވަނީ ތަންކޮޅެއް ކުރީގެ މައުލޫމާތު ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލީކުވެފައި ވަނީ އެ އިދާރާ އިން ކަމެއް އަދި ނުބުނެވޭނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.