29 Nov 2016, 21:02
ދިވެހި އަންހެނެއްގެ ސިކުނޑީގައި އުފެދިފައި ހުރި ބޮޑު ޓިއުމަރެއް ނަގަން އޭޑީކޭގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
މި އޮޕަރޭޝަން ކޮށްފައިވަނީ އޭޭޑީކޭގައި މަސައްކަތް ކުރާ ދިވެހި ޑޮކްޓަރެއް ކަމަށްވާ އަލީ ނިއާފާއި ނޭޕާލްގެ ޑޮކްޓަރެއް ކަމަށްވާ ރާމް ކުމާރެވެ. މި ދެ ޑޮކްޓަރުންނަކީވެސް ނިއުރޯ ސަޖަނުންނެވެ.

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގެ ބޮޑު ބަޔަކަށް ފެތުރިފައި ހުރި ޓިއުމަރުގެ ސްކޭނެއް -- ފޮޓޯ: އޭޑީކޭ
އޭޑީކޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި، އެ އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި، ޑރ. ނިއާފް ވިދާޅުވީ އެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުގައި ނާރުގެ އޮޕަރޭޝަން ކުރަން ފެށިފަހުން ކުރެވުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އޮޕަރޭޝަން ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ ސިކުނޑީގެ ޓިއުމަރެއް ނަގަން ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ނިއާފް ވިދާޅުވި ގޮތުގައި ސިކުނޑީގައި ޓިއުމަރެއް ހުރެގެން އޮޕަރޭޝަން ކުރީ 57 އަހަރުގެ ދިވެހި އަންހެނެކެވެ. އެ އޮޕަރޭޝަން ކުރުމަށް 10 ގަޑި އިރުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، އަށް ގަޑިއިރު ތެރޭ އެ އޮޕަރޭޝަން ކާމިޔާބު ކަމާ އެކު ނިންމާލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގެ ބޮޑު ބަޔަކަށް ފެތުރިފައި ހުރި ޓިއުމަރެއް ނަގަން އޭޑީކޭގައި ކުރި ކާމިޔާބު އޮޕަރޭޝަން -- ފޮޓޯ: އޭޑީކޭ
އެ އަންހެން މީހާ ހޮސްޕިޓަލަށް ގޮސް ދެއްކި އިރު، ޓިއުމަރުގެ ސަބަބުން ހަށިގަނޑުގެ ވާތް ފަރާތުން ހުރީ އެއްކޮށް ވާގިނެތިފައެވެ. ނަމަވެސް އޮޕަރޭޝަނަށްފަހު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި، އެގޮތުން މިހާރު މަޑު މަޑުން ވާހަކަ ދައްކައި، ހިނގާބިގާވެ އުޅޭ ކަމަށް ޑރ. ނިއާފް ވިދާޅުވިއެވެ.
އޭޑީކޭގެ ތާރީޚުގައި މިހާތަނަށް 300 އަށްވުރެ ގިނަ ނާރުގެ އޮޕަރޭޝަންކޮށްފައިވާއިރު، މި އޮޕަރޭޝަނަކީ "އާދަޔާ ޚިލާފަށް ބޮޑު" އޮޕަރޭޝަނެއްގެ ގޮތުގައި ނިޔާފްް ފާހަގަކުރެއްވި އެވެ.
ދެބައި އުމުރުގެ މި އަންހެން މީހާގެ ސިކުނޑީގައި އުފެދިފައި ހުރި ޓިއުމަރު ހުރީ ސިކުނޑީގެ މައި ލޭ ހޮޅީގެ ދަށުން ސިކުނޑީގެ ދެ ފަޅިއަށް ވެސް ފެތުރިފައެވެ. ނަމަވެސް ތިން މަސްތެރޭ އެ އަންހެން މީހާގެ ހާލު ރަނގަޅުވެ އެއްކޮށް ނޯމަލް ވާނެ ކަމަށް ނިޔާފް ވިދާޅުވިއެވެ.

އުމުރުން 57 އަހަރުގެ ދިވެހި އަންހެނެއްގެ ސިކުނޑީގެ ބޮޑު ބަޔަކަށް ފެތުރިފައި ހުރި ޓިއުމަރެއް ނަގަން އޭޑީކޭގައި ކުރި ކާމިޔާބު އޮޕަރޭޝަން -- ފޮޓޯ: އޭޑީކޭ
އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ އިރު، އެމީހާއަށް ބޭނުންވާ އިތުރު ތެރަޕީތައް ދިނުމުގެ ކަންކަންވެސް އޭޑީކޭއިން ދަނީ ކުރަމުންނެވެ.
އެ ޕްރެސްކޮންފަރެންސްގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ އެ އޮޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު އިތުރު ކުރުއެރުމެއް ކަމަށާއި ރާއްޖޭގައިވެސް އެ ފެންވަރުގެ ޑޮކްޓަރުން ތިބިކަން އެކަމުން ދޭހަވާ ކަމަށެވެ. އަދި ސިއްހީ ޚިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް އޭޑީކޭއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.