29 Nov 2016, 19:21
ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް އިން ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގައި ޓީސީގެ މައްޗަށް އީގަލްސް އިން ކުރި ހޯދީ 1-0 ލަނޑުންނެވެ. މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.
މިއީ މި އަހަރު ޓީސީ ބަލިވި ދެ ވަނަ ފައިނަލެވެ. މި އަހަރުގެ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ބަލިވީ ކްލަބު ވެލެންސިއާ އަތުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އަދި ޓީސީގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ޓީސީ އަށެވެ. މެޗުގެ 30 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ނަގައިދިން ކޯނަރުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ، އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބޮލުން އުފެއްދި ހަމަލާ، އީގަލްސްގެ ޑިފެންޑަރެއް ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ޓީސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އީގަލްސްގެ ޑިފެންޑަރު ޝިފާން ހަސަން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިޔާ ބޭރުން އިއްބެ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 62 ވަނަ މިނެޓުގައި އީގަލްސްއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އިމްރާން ނަޝީދު ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، މުހައްމަދު ސެޑިކް އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ވެސް ސެޑިކަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓާ އެޓޭކެއްގައި ރިޒުވާން ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި އެ ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފު ނިމުނު އިރު ވެސް ލަނޑެއް ދެ ޓީމުންކުރެ އެެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފު ފެށިތާ މިނެޓެއް ނުވަނީސް އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ރިޒްވާނެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައި ވަނީ ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 98 ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑުޖަހައި، ލީޑު ފުޅާކޮށްލުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުއްޓައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުތެރޭ ކުޅެން ނުކުތް އިބްރާހިމް އައިސަމް އަށް ލިބުނު ބޯޅައިން އޭނާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުޅުން ނިމެންދަނިކޮށް، ޓީސީގެ ޔާމިން އިބްރާހިމް (ޔާމްބެ)އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައިފައެވެ. ޔާމްބެއަށް ރަތް ކާޑު ދައްކާފައި ވަނީ ބޯޅަނެތީސް އީގަލްސްގެ މުޖުތާޒް މުހައްމަދަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.
ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ޓީމުތަކަށް ވަނީ މެޑެއްޔާއި ތަށި ހަވާލުކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަން އީގަލްސްއަށް ތަށި ހަވާލުކޮށްދެއްވީ ރައީސް ޔާމީނެވެ. އީގަލްސްއަށް ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް މެޑަލް ހަވާލުކޮށްދެއްވި އިރު، ރަނަރަޕް ޓީސީ އަށް މެޑަލް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.