29 Nov 2016, 18:57
މިއަހަރުގެ އޮކްޓޫބަރު މަސް ނިމުނު އިރު، އެހާތަނަށް 69،000އަށް ވުރެ ގިނަ ދިވެހީން އަވަށްޓެރި ސްރީލަންކާއަށް ޒިޔާރަތް ކުރި ކަމަށް އެގައުމުގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެސްއެލްޓީޑީއޭ)އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ ޖެނުއަރީން ފެށިގެން އޮކްޓޫބަރު މަސް ނިމުނު އިރު ސްރީލަންކާއަށް 69،307 ދިވެހީން ދަތުރުކުރިއެވެ.
އޮކްޓޫބަރު މަހު ސްރީލަންކާއަށް ދިޔަ ދިވެހީންގެ އަދަދަކީ 5،417 އެވެ.
ސްރީލަންކާއަކީ ދިވެހީން އެންމެ ގިނައިން ދަތުރުކުރާ ބޭރުގެ މަންޒިލެވެ.
މިއަހަރުގެ ކޮންމެ މަހެއްގައި ވެސް، އެވަރޭޖްކޮށް 5،000 އަށް ވުރެ ގިނަ ދިވެހީން ސްރީލަންކާއަށް ދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދިވެހީންނަކީ ސްރީލަންކާގެ ފަތުރުވެރިކަމަށް ހަވަނައަށް އެންމެ ބޮޑު މާކެޓެވެ. ލަންކާއަށް އެންމެ ގިނައިން ޒިޔާރަތް ކުރަނީ އިންޑިއާގެ ފަތުރުވެރިންނެވެ.
ހިސާބުތައް ދައްކާ ގޮތުގައި، ޖެނުއަރީން ފެށިގެން އޮކްޓޫބަރާ ހަމައަށް އިންޑިއާއިން 288,636 ފަތުރުވެރިން ލަންކާއަށް ޒިޔާރަތް ކުރިއެވެ. ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓު ކަމުގައިވާ ޗައިނާއަކީ، ސްރީލަންކާގެ ދެވަނައަށް އެންމެ ބޮޑު މާކެޓެވެ. ޗައިނާގެ 233,669 ފަތުރުވެރިން މިދިޔަ 10 މަސް ދުވަސް ތެރޭގައި ސްރީލަންކާއަށް ގޮސްފައިވެއެވެ.
ސްރީލަންކާއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސިވިލާތް، ޖަރުމަނު ވިލާތް، ފްރާންސް އަދި ރާއްޖެއިންނެވެ.
ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ސްރީލަންކާއިން ރާއްޖެއައި މީހުންގެ އަދަދަކީ 14،594 އެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުމާ ހަމައަށް ލަންކާއިން އައި ފަތުރުވެރިންގެ އަދަދާ އަޅައިބަލާއިރު 27 ޕަސަންޓުގެ ކުރިއެރުމެކެވެ.
ސްރީލަންކާއާ ރާއްޖެއާ ދެމެދު ގިނަ ފްލައިޓުތަކެއް އޮޕަރޭޓު ކުރެއެވެ. އެގޮތުން، އެމިރޭޓްސް، ސްރީލަންކަން އެއާލައިންސް، މެގަ މޯލްޑިވްސް ހިމެނޭ އިރު، އޭގެ އިތުރުން ބައެއް އެހެނިހެން ފްލައިޓުތަކުން ރާއްޖެއިން ދަތުރުކުރާ އިރު ޓްރާންސިޓުގައި ވެސް ސްރީލަންކާގައި މަޑުކުރެއެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު ސްރީލަންކަން އެއާވޭސްއިން ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއާއި ސްރީލަންކާއާ ސީދާ ދަތުރުތަކުން ގުޅުވައިދޭނެ އިރު، ރާއްޖެއިން ލަންކާއަށް ދާ ފަތުރުވެރިން މިހާރަށް ވުރެ ވެސް އިތުރުވަމުން ދާނެ ކަމަށް ބެލެވެއެވެ.