29 Nov 2016, 17:19
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކޮށްފިނަމަ އިންތިހާބަށް ކުރި ހަރަދުތައް ބޭކާރުވެ، ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓުގައި ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ، އިންތިހާބު ފަސްކުރަންޖެހޭ ފަދަ ޟަރޫރީ ހާލަތެއް ނެތް ކަމަށެވެ. އެހެންވީމަ އިންތިހާބު ފަސްކުރަން ނުޖެހޭ ކަމަށް އިލެކްޝަންސްއިން ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ވަކީލު އަދި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ---
ޕީޕީއެމްގެ ވަކީލު އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ، މީގެކުރިންވެސް ގިނަ އިންތިހާބުތަކެއް ބާއްވަން ޖެހޭ މުއްދަތަށްވުރެ ފަސްކޮށް ބާއްވާފައިވާ ކަމަށެވެ. އެއަށް ރައްދުދެއްވައި އިލެކްޝަންސްއިން ބުނީ މީގެ ކުރިން އިންތިހާބުތަކެއް ފަސްކުރުމަކީ މިފަހަރުގެ އިންތިހާބު ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އިންތިހާބު ފަސްކޮށްފިނަމަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ކޮށްފައިވާ ހަރަދުތައް ބޭކާރުވެގެން ދާނެ ކަމަށްވެސް އިލެކްޝަންސްގެ ވަކީލު ވިދާޅުވި އެވެ.
ޕީޕީއެމްގެ ވަކީލު ރިޒާ ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުން ލިޔުންތައް ގެއްލި ބާއްވަންޖެހޭ ޕްރައިމެރީވެސް ނުބޭއްވިފައިވާ ކަމަށެވެ. ޕީޕީއެމްއަށް ދިމާވެފައިވާ ހާލަތަކީ ޟަރޫރީ ހާލަތެއް ކަމަށް ރިޒާ ވަނީ ވިދާޅުވެފައެވެ.
ރައީސް މައުމޫނުގެ ވަކީލު ހުސްނުއްސުއޫދު ----
ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ޕީޕީއެމުން އެދިފައިވާގޮތަށް އިންތިހާބު ފަސްކޮށްފިނަމަ އެއީ ކުރިއަށް އޮތްތަނުގައި އިންތިހާބުތައް ފަސްކޮށް ގާނޫނު ބުނާ ތާރީހަށް އިންތިހާބު ނުބޭއްވުމަށް ހުޅުވޭ ދޮރެއް ކަމަށެވެ. އެހެންކަމުން އިންތިހާބު ފަސްކުރުމަކީ "ބިރުވެރިކަމެއް" ކަމަށް ސުއޫދު ވިދާޅުވި އެވެ.
މައްސަލާގައި ތަދައްހުލުވި އެމްޑީޕީގެ ފަރާތުން ވަކީލު އަނަސްއަބްދުއް ސައްތާރު ވިދާޅުވީ ޕިޕީއެމްއަށް ދިމާވެގެން އުޅެނީ އެތެރޭގެ މައްސަލައެއް ކަމަށެވެ. ކޮންމެ ޕާޓީއެއްގައިވެސް އެތެރޭގެ މައްސަލަތައް ހުންނާނެ ކަމަށާއި އެއީ އިންތިހާބު ފަސްކުރަންޖެހޭ ކަމެއް ނޫން ކަމަށް އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީވަކީލު އަނަސް އަބްދުއްސައްތާރު ----
ސުޕްރީމް ކޯޓުން ނިންމާފައިވާ ޣަޒިއްޔާއަކާ ހަވާލާދީ އަދާލަތު ޕާޓީގެ ވަކީލު ވިދާޅުވީ އިންތިހާބެއް ފަސްކުރެވޭނީ ހަމައެކަނި ގުދުރަތީ ކާރިސާއެއް ދިމާވެގެން ކަމަށެވެ.
މައްސަލަ ވަރަށް ސާފުކަން ފާހަގަކޮށް ގާޒީ އަބްދުﷲ އަލީ ވިދާޅުވީ ބުރާސްފަތިދުވަހު މައްސަލައިގެ ހުކުމް އޮންނާނެ ކަމަށެވެ.
ޕީޕީއެމުން އިންތިހާބު ފަސްކުރަން ހުށަހެޅީ ޕާޓީގެ ތެރޭގައި މައްސަލަތަކެއް އުޅެ، ބައެއް ލިޔެކިޔުންތައް ގެއްލިފައިވުމުންނެވެ.