29 Nov 2016, 21:20
ސުޕަރ ޓޭންކަރގެ ނަމުން ނަންދީފައިވާ އެމެރިކާގެ ބިޔަ އަދި ބޮޑު މަތިންދާބޯޓަކީ އަލިފާން ނިއްވުމުގައި މުޅި ދުނިޔޭގައިވެސް ހަރަކާތްތެރިވާ އެންމެ ގާބިލް އަދި ޓެކްނޮލޮޖީގެ ގޮތުން އެންމެ ވަރުގަދަ އުޅަނދެވެ.
ގާތްގަނޑަކަށް 74 ޓަނުގެ ފެން، ނުވަތަ އަލިފާން ނިއްވާ ފޯމްއާއެކު ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ގިނަވެގެން 20 ގަޑީއިރުގެ ތެރޭގައި އެބޯޓަށް ވާސިލްވެވެއެވެ. އެމެރިކާއަށް ބަލާއިރު އެމެރިކާގެ ކޮންމެ ތަނަކަށްވެސް ދެގަޑީއިރު ތެރޭގައި އެބޯޓަށް ދެވެއެވެ.
އެމެރިކާގައި އުފައްދާފައިވާ ސުޕަރ ޓޭންކަރަކީ ބޮއިންގް 747 ގެ މަތިންދާބޯޓެކެވެ. 4 އިންޖީނުގެ މިޖެޓް ބޯޓަކީ މިމަރުކާގެ ފަސިންޖަރު މަތިންދާބޯޓުތަކަށްވުރެ ދެގުނަ ބާރުމިނުގައި އުދުހުމުގެ ގާބިލް ކަންލިބިފައިވާ ބޯޓެކެވެ.

ސުޕަރ ޓޭންކަރުން އިސްރާއީލުގެ އަލިފާންގަނޑު ނިއްވުމުގައި ހަރަކާތްތެރިވަނީ
މިބޯޓުގައިވާ 4 އިންޖީނަކީވެސް މިމަރުކާގެ ފަސިންޖަރު ޖެޓް ތަކުގައިވާ އިންޖީނުތަކަށްވުރެ ދެގުނަ ބާރުގަދަ އިންޖީނުތަކެކެވެ. އެމެރިކާގައި މިބޯޓު ބޭނުންކުރަނީ ބޮޑެތި އަލިފާންގަނޑުތައް ނިއްވުމަށެވެ. ޚާއްސަކޮށް ޖަންގަލިތަކުގައި ހިފާ އަލިފާންގަނޑުތައް ނިއްވުމަށެވެ. އަލިފާން ނިއްވާ ފޯމް ނުވަތަ ފެން ބާރު ސްޕީޑްގައި އަލިފާންހިފާފައިވާ ސަރަހައްދުތަކަށް ފޮނުވާލުމަށްޓަކައި ސުޕަރ ޓޭންކަރުގައި ވަރަށް ބާރުގަދަ އިންޖީނުތަކެއް ވެއެވެ.
އެ އިންޖީނުތަކުން ޕްރެޝަރުގައި ފެން ނުވަތަ ފޯމް ޖަހާއިރު ތޫފާނެއްގައި ވާރޭވެހޭފަދަ ބާރުމިނުގައި އަލިފާންހިފާފައިވާ ސަރަހައްދުތަކަށް ފެން ނުވަތަ ފޯމް ޖެހުމުގެ ގާބިލްކަން އެބޯޓަށް ލިބިގެންވެއެވެ. މިދިޔަ ހަފްތާގައި އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ރޯވި އަލިފާންގަނޑުތައް ނިއްވާލުމުގައި މައިގަނޑު ދައުރެއް އަދާކުރީ އެމެރިކާގެ ސުޕަރ ޓޭންކަރ މަތިންދާބޯޓެކެވެ.
ސުޕަރ ޓޭންކަރުން އަލިފާން ނިއްވުމުގެ ޚިދްމަތްދެނީ ގަޑިއަކު އެއްލައްކަ އާއި ދެލައްކަ ޑޮލަރުގެ އަދަދަކަށެވެ. މި ޚިދްމަތްދިނުމަށް ސުޕަރޓޭންކަރުގައި ތިބެނީ ދެ ޕައިލެޓުންގެ އިތުރުން ދެ ފަޅުވެރިންނާއި އޭވިއޭޝަން އިންޖިނޭރެކެވެ.

ބޮއިން 747 މަރުކާގެ މިބޯޓު އަލިފާން ބިއްވާ ބޯޓަކަށް ހަދާފައިވަނީ އެމެރިކާގެ އެހެން ކުންފުންޏެއްކަމަށްވާ "އެވަރގްރީން އިންޓަނޭޝަނަލް އޭވިއޭޝަން" އިންނެވެ. އެމެރިކާގެ ޖަންގަލިތަކުގައި އަލިފާންރޯވެ ކޮންޓްރޯލް ނުވާހިސާބަށް ދިޔުމުން އަލިފާން ނިއްވުމުގައި ބޭނުންކުރަނީ ސުޕަރ ޓޭންކަރ މަތިންދާބޯޓެވެ.
މިގޮތުން އެމެރިކާގެ އެރިޒޯނާގެ ޖަންގަލިތަކުގައި 2011 ވަނަ އަހަރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވުމުން ބޭނުންކުރީ މި ބޯޓެވެ. އަދި 2010 ގައި އިސްރާއީލުގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާގައި އެއަލިފާންގަނޑު ނިއްވާލުމަށްވެސް ބޭނުންކުރީ ސުޕަރ ޓޭންކަރު މަތިންދާބޯޓެކެވެ.
މީގެ ދެ މަރުކާއެއްގެ ބޯޓު އެމެރިކާގައިވެއެވެ. އެއީ ބޮއިން 100-747 މަރުކާގެ ސުޕަރ ޓޭންކަރާއި ބޮއިންގް 200-747 މަރުކާގެ ސްޕަރޓޭންކަރެވެ. (އަލްޖަޒީރާ)