އަންނަ މަހުން ފެށިގެން މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ދެ މަގެއްގެ ޓްރެފިކް ފުލޯ އަށް ބަދަލު ގެނައީ ނިކަގަސްހިނގުމުގެ އިސްކަންދަރު މަގާ ގުޅުނު ހިސާބުން ފެށިގެން ނިކަގަސް ހިނގުމުގެ އަމީނީ މަގާ ހަމައަށް އުތުރުން ދެކުނަށް ދުއްވާ ގޮތަށާއި ބަޑިފަސްގަނޑު ހިނގުމުގެ އަމީނީ މަގާ ގުޅުނު ހިސާބުން ފެށިގެން ބަޑިފަސްގަނޑު ހިނގުމުގެ އިސްކަންދަރު މަގާ ހަމައަށް ދެކުނުން އުތުރަށް ދުއްވާ ގޮތަށެވެ.

މި ދެ މަގަކީ ވެސް ދެ ކޮޅަށް ދުއްވާ ގޮތަށް ކުރިން އޮތް ދެ މަގެވެ.

ބަޑިފަސްގަނޑު ހިނގުމުގެ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރި ސަރަހައްދު ދައްކައިދޭ ޗާޓެއް.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، އެ ދެ މަގުގެ ޓްރެފިކް ފުލޯއަށް ބަދަލު ގެނައީ ކުރިން ދެކޮޅަށް ދުއްވާތީ އެ މަގުތަކަށް ބާރުބޮޑުވާތީ، އެކަމަށް ޓްރެފިކް ފުލުހުން ލަފާ ދިނުމުން ކަމަށެވެ. އަދި އެ ބަދަލުތައް ގެނައީ ޓްރެފިކް ފުލުހާއި ހައުސިން މިނިސްޓްރީއާއެކު މަޝްވާ ކުރުމަށްފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ދެ މަގަކީ ވަރަށް ހަނިކޮށް އޮންނަ ދެ މަގު ކަމުން ދެކޮޅަށް ދުއްވާ ގޮތަށް އޮތުމުން ބާރުބޮޑުވެ ދުއްވާ އެއްޗެހިއްސަށް ދަތިތަކަކާ ކުރިމަތިވޭ. އެ ދެ މަގު ބާރު ބޮޑުވުމުން އެކަމުގެ އަސަރު މިކުރަނީ އަމީނީ މަގަށް. ހާއްސަކޮށް ސްކޫލް ނިމޭ ވަގުތު އަމީނީ މަގަށް ބާރު ބޮޑުވޭ،" ނާފިޒް ވިދާޅުވި އެވެ.

ނިކަގަސްހިނގުމުގެ އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރި ސަރަހައްދު ދައްކައިދޭ ޗާޓެއް.

މާލޭގައި ހިންގާ ބައެއް މަޝްރޫއުތަކާ ގުޅިގެން މީގެ ކުރިން ވަނީ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން ހުޅުމާލެއަށް މިހާރު ބަދަލުކުރަން ނިންމާފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމަށް ކުރީން ހަމަޖެހިފައިވާ ސައިޓުގެ މަސައްކަތަށާއި، އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކެއް ކުރުމަށް އަމީނީމަގުން ވަދެ ނުކުމެވޭ ގޮތަށް ހުރި ބައެއް މަގުތައް ބަންދުކުރުމުން ޓްރެކް ދަނޑުކައިރީގައި އޮންނަ މަގެއް ވަނީ ދެ ކޮޅަށް ދުއްވޭ ގޮތަށް މިމަހުން ފެށިގެން ބަދަލުކޮށްފައެވެ.