އައިޖީއެމް ހޮސްޕިޓަލުން ފްލެޓް ދިން ނަރުހުންނާއި ޑޮކްޓަރުން އަދި އެހެނިހެން ވެސް މުވައްޒަފުން 10 އަހަރު އެތަނަށް ހިދުމަތްކުރަން ޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި އެެވެ.

އައިޖީއެމްއެޗްގެ 20 މުވައްޒަފަކަށް މިހާރު ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އޭގެތެރޭގައި ހާއްސަ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުންނާއި މެޑިކަލް އޮފިސަރުން އަދި ނަރުހުން ވެސް ހިމެނެ އެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބޯހިޔާވަހިކަން ފޯރުވާދިނުމުގެ ގަވާއިދުގެ ނުވަވަނަ މާއްދާގައި ބުނެފައި ވަނީ ފްލެޓަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ހަލާސްކުރި ނަމަވެސް ތަން އެ މުވައްޒަފެއްގެ ނަމަށް ބަދަލުކުރެވޭނީ ފްލެޓާ ހަވާލުވެ ސޮއިކުރާ ތާރީހުން ފެށިގެން 10 އަހަރު އެ ހޮސްޕިޓަލަށް ހިދުމަތް ކޮށްދިނުމުން ކަމަށެވެ.

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

އެއްވެސް ސަބަބަކާ ހުރެ ހިދުމަތް މެދު ކަނޑާލަން ޖެހުނު ނަމަވެސް، އެނބުރި އައިސް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް 10 އަހަރު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެއްވެސް ސަބަބެއް މެދުވެރިވެގެން މުވައްޒަފު ވަޒީފާ އިން ވަކިކޮށްފި ނަމަ ތަން އަތުލެވޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ތަން އަތުލުމަށް ފަހު ޑައުން ޕޭމެންޓުގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ދިން ނަމަވެސް ތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ނުލިބޭ ގޮތަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެެވެ. އެފައިސާ ބެލެވޭނީ ތަނަށް ދައްކާފައިވާ ކުލީގެ ގޮތުގައި ކަމަށް ގަވާއިދު ބުނެ އެވެ.

އައިޖީއެމްއެޗްގެ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ރައީސް އޮފީސް

މުވައްޒަފު ރިޓަޔަވާ ހާލަތެއްގައި ތަން މިލްކުކޮށްދެވޭނީ ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމުން ކަމަށް ގަވާއިދުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ރިޓަޔަ ވާ ސަބަބު ބެލުމަށް ފަހު އެކަށީގެންވާ ސަބަބަކަށް ނުވާ ނަމަ އެ މުވައްޒަފަށް ތަން މިލްކުކޮށް ނުދޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މުވައްޒަފުގެ ވަޒީފާ އެހެން މުއައްސަސާއަކަށް ބަދަލުކޮށްފި ނަމަވެސް ތަން އަތުލެވޭނެ ކަމަށް ގަވާއިދުގެ ނުވަވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެ އެވެ.

އެޕާޓްމެންޓް ލިބޭ ފަރާތެއް ނިޔާވެއްޖެ ނަމަ، ފައިސާ ދައްކާ ހަލާސްކުރުމުން ތަން މިލްކުކޮށްދޭނީ އެމީހެއްގެ ދަރިންނަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ދަރިން ނެތްނަމަ އެތަން މިލްކުވާ ފަރާތެއް ކަނޑައަޅާނީ ކޯޓުން ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފަ އެވެ.