29 Nov 2016, 16:07
މާލެއާއި ވިލިމާލޭގެ ކުނި މެނޭޖް ކުރާ ސަރަހައްދުގެ ވަށާ ފާރު ރާނައި ގޭޓު ހަރުކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދުގެ ވަށާ ފާރު ރޭނުމަށް ހަވާލުކޮށްފައި ވަނީ 797،226 ރުފިޔާ އަށް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަނާ އެވެ. އެ މަސައްކަތް ނިންމުމަށް 35 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.
މާލެއާއި ވިލިމާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ވަށާފާރު ރާނައި ގޭޓް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަލީ އާމިރެެވެ. އަދި މޯލްޑިވްސް ރިއަލް އެސްޓޭޓްގެ ފަރާތުން އެ ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރު އަހްމަދު ނަސީމެވެ.
މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ވޭސްޓް މެނޭޖްމެންޓް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ބިން ހައުސިން މިނިސްޓްރީން މިއަދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާ ހަވާލުކޮށްފަ އެވެ.
ވިލިމާލޭގެ ކުނިކޮށީގެ ވަށާފާރު ރޭނުމަށް ހަވާލުކޮށްފައި ވަނީ ތަޝީޝާ ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް 48 ދުވަސް ތެރޭގައި ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 372,479.87 ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ތަޝީޝާގެ ޑިރެކްޓަރު ހުސެއިން ޝިފާން އެވެ.
ހަތަރު ރަށެއްގެ ކުނި މެނޭޖް ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ނިއޯމެޑް މޯލްޑިވްސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އައްޑޫ ސިޓީ ހުޅުމީދޫއާއި، ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫއާއި ގއ. ވިލިނގިލީގެ ކުނި މެނޭޖު ކުރަން ބޭނުންވާ ސާމާނު ސަޕްލައި ކުރުމުގެ މަސައްކަތް ވެސް ކުންފުންޏަކާ ހަވާލުުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ނިއޯމެޑް މޯލްޑީވްސް ޕްރައިވެޓް ލިމިޓެޑާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް 7.3 މިލިއަން ރުފިޔާއަށް އަށެވެ.
އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ރަޝީދެވެ.
މިއަދު ސޮއި ކުރި ތިން ޕްރޮޖެކްޓަށް ވެސް ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ.