ރަޖިސްޓްރީކޮށްފައިވާ ދިވެހިންގެ އައިޑީކާޑު ނަންބަރު ފިޔަވައި އެހެން ހުރިހާ މައުލޫމާތެއް ލިބޭ ޑޭޓާބޭސްއެއް އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ.

އެ ޑޭޓާބޭސްގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިންގެ ނަމާއި އެޑްރެހާއި އުމުރުގެ އިތުރުން އުފަން ތާރީހާއި އަދި މަރުވި ތާރީހު ވެސް އެނގެން އެބަހުއްޓެވެ. އަދި އައިޑީ ކާޑު ނަންބަރު ޖަހައިގެން އެމީހެއްގެ މައުލޫމާތު ސާޗު ކޮށްލެވޭއިރު، ވަކި އެޑްރެހެއްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ މައުލޫމާތު ވެސް ފަސޭހައިން ބެލެން އެބަހުއްޓެވެ.

އެ ޑޭޓާބޭސް އިން ފެންނަ ގިނަ މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް، 17 އަހަރުގެ ބައެއް ކުދިންގެ މައުލޫމާތު ވެސް ފެނެ އެވެ.

ސަން އިން ކަމާ ބެހޭ ގިނަ މުއައްސަސާތަކަށް ގުޅިއިރު އެތަން ތަނަށް ލީކުވި ޑޭޓާބޭސްއާ ގުޅޭ އެއްވެސް މައުލޫމާތު ލިބިފައެއް ނުވެ އެވެ. އެހެންނަމަވެސް، ހުރިހާ ތަނަކުން ވެސް ވަނީ އެ މައްސަލަ މިހާރު ބަލަން ފަށައިފަ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހިންގެވުމާ ހަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރު މުހައްމަދު ފިރާގު މިއަދު ވިދާޅުވީ، އެ މައުލޫމާތު ލީކުވެފައި ވަނީ އެތަނުން ނޫން ކަމަށެވެ. އަދި ލީކުކޮށްލާފައިވާ ދިވެހިންގެ ޑޭޓާބޭސް އަކީ އެތަނުގެ ޑޭޓާބޭސް ނޫން ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޑޭޓާބޭސްއެއް ނޫން އެއީ. އެކަން އަޅުގަނޑުމެންނަށް ކޮމްފޯމްވެއްޖެ،" ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ލީކުވުމަކީ ވަރަށް "ގޯސް"ކަމެއް ކަމަށާއި އެކަން ހިނގާފައި އެވަނީ ބަޔެއްގެ އިހުމާލުން ކަމަށެވެ. އަދި އެ މައްސަލަ ގެންދަނީ އިތުރަށް ބަލަމުން ކަމަށާއި މީޑިއާ އަށް ފަހުން މައުލޫމާތު ދެއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެ މައުލޫމާތު ލީކުވެފައި ވަނީ އެ މުއައްސަސާގެ ފަރާތުންތޯ އަދި ބުނަން ނޭނގޭނެ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ރާއްޖޭގައި ވަނީ ޒާތީ މައުލޫމާތު ހިމާޔަތް ކުރުމާ ބެހޭ ބިލެއް ޑްރާފްޓް ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ ގާނޫނު ވުޖޫދަށް އައިސްފައެއް ނުވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އެމީހެއްގެ ނަސްލު، އައިޑީ ކާޑު ނަންބަރު، އެޑްރެސް، ލޭގެ ގްރޫޕު އަދި ކައިވެނީގެ ހާލަތް އާންމު ކުރުމަކީ ވެސް މަނާ ކަމެކެވެ. މީގެ އިތުރުން އުމުރާއި ވަޒީފާގެ ހިސްޓްރީ އާއި ތައުލީމީ ފެންވަރު ހާމަ ކުރުމަކީ ވެސް އެ ބިލުގައިވާ ގޮތުން މަނާ ކަމެކެވެ.