މއ. ކަފިދޫގައި ހަދާފައި ހުރި ގުދަނެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި، އަސަރުކުރި ގެތަކުގެ މީހުންގެ ތެރެއިން 20 މީހަކު އަދިވެސް ތިބީ ވަގުތީ ހިޔާތަކުގައި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފި އެވެ.

ޑީއެމްސީގެ ޕްރޮޖެކްޓާ ހިސާން ހަސަން ވިދާޅުވީ، އިއްޔެ މެންދުރު ދިލްބަހާރު ގޯޅީގައި ހުރި އެ ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާސިދާގައި ރައްކާތެރިކަމަށް ޓަކައި ހަ ގެއަކުން 95 ވަރަކަށް މީހުން ނެރެފައިވާ ކަމަށެވެ. އޭގެ ތެރެއިން އިއްޔެ މެންދަމުގެ ނިޔަލަށް އެހީތެރިކަން ބޭނުންވެގެން ޑީއެމްސީގައި ރަޖިސްޓްރީކުރި 24 މީހަކަށް މާލޭގެ ތިން ގެސްޓްހައުސް ވަގުތީ ހިޔާވަހިކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ސަލާމަތީ ކަންކަން ބެލުމަށް ފަހު އޭގެ ތެރެއިން އެއް ގެއެއްގެ ހަތަރު މީހުން އެމީހުންގެ އަމިއްލަ ގެއަށް ބަދަލުކޮށްފައިވާ އިރު، މިހާރު އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބީ 20 މީހުން ކަމަށް ހިސާން ހަސަން ވިދާޅުވި އެވެ. އެމީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންދަނީ މާލޭގެ ދެ ގެސްޓްހައުސް އަކުންނެވެ.

ހިސާން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރިއަށެވެ.

އިއްޔެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މއ. ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ހުރި ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުންދާ ގުދަނެކެވެ. ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާ، ކޮސްމެޓިކްސް ހުރި ހަތަރު ބުރީގެ އެ އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެތަން އަނދާފައިވާ އިރު، ގުދަން ހުރީ އިނޝޫއަރެންސް ކޮށްފައި ކަމަށް ބްރަދަހުޑް ގުރޫޕުން ބުނެ އެވެ.

އިއްޔެ އަލިފާން ނިންވުމުގައި ހަރަކާތްތެރިވި ސިފައިންގެ ދެ މީހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބި އައިޖީއެމްއެޗް އިން ފަރުވާ ދީފައިވާ އިރު، އޭގެ ތެރެއިން އެކަކު މިހާރު ވަނީ އިތުރު ފަރުވާއަށް ސްރީލަންކާއަށް ފޮނުވައިފަ އެވެ.