29 Nov 2016, 15:25
މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެޖޯރިޓީ ހިއްސާދާރު، އިސްލާމިކް ކޯޕަރޭޝަން ފޯ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ)ގެ އަތުގައި އޮންނަ އެ ބޭންކުގެ 85 ޕަސަންޓު ހިއްސާގެ ތެރެއިން ފަސް ޕަސަންޓު ހިއްސާ (9،000 ހިއްސާ) އަމާނާ ތަކާފުލް މޯލްޑިވްސް ޕލކ އިން ގަނެފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަކީ އައިސީޑީއާއި ދިވެހި ސަރުކާރާ ގުޅިގެން އުފެއްދި ބޭންކެކެވެ. އެ ބޭންކުގެ 85 ޕަސަންޓު ހިއްސާދާރަކީ އައިސީޑީ އެވެ. އަދި ދިވެހި ސަރުކާރުގެ އަތުގައި އޮންނަނީ 15 ޕަސަންޓު ހިއްސާ އެވެ.
އައިސީޑީެ އަތުން އެމްއައިބީގެ ފަސް ޕަސަންޓު ހިއްސާ ގަތުމާ އެކު، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޖުމްލަ ތިން ހިއްސާދާރުން ތިބޭނެ އެވެ.
އެއީ:
އައިސީޑީ (80 ޕަސަންޓު ހިއްސާ)
- ދިވެހި ސަރުކާރު (15 ޕަސަންޓު ހިއްސާ)
- އަމާނާ ތަކާފުލް ޕލކ (ފަސް ޕަސަންޓު ހިއްސާ)
އަމާނާ ތަކާފުލް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިއްސާ ގަތުމަށް އެކުންފުނީގެ ބޯޑުން ނިންމީ ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވި ބޯޑު މީޓީންގްއެއްގަ އެވެ. ނަމަވެސް އިސްލާމިކް ބޭންކްގެ ފަސް ޕަސެންޓް ހިއްސާ އަމާނާ ތަކާފުލް އިން ގަތީ ކިހާވަރަކަށް ކަމެއް ދެ ކުންފުންޏަކުން ވެސް ނުބުނެ އެވެ.
އަދި ހިއްސާ ގަތުމުގެ އެގްރިމެންޓުގައި ސޮއިކުރީ މިއަދު އެވެ. އެގްރިމެންޓުގައި ސޮއިކުރެއްވީ އަމާނާ ތަކާފުލްގެ މެނޭޖިންގް ޑިރެކްޓަރު ހަރީޒް ސުލައިމާނާއި އައިސީޑީގެ ސީއީއޯ އަދި ޖެނެރަލް މެނޭޖަރު ޚާލިދު މުހައްމަދު އަބޫދީ އެވެ.
އަމާނާ ތަކާފުލްގެ ޗެއާމަން ތައްޔިބު އަކްބަރް އަލީ ވިދާޅުވީ، އިސްލާމިކް ބޭންކާ އެކު އަމާނާ ތަކާފުލްއިން ގުޅުނު ގުޅުމަކީ ދެ ކުންފުންޏަށް ވެސް ވިޔަފާރީގެ ފައިދާކޮށް، އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
"މި ގުޅުމަކީ ބޭންކު ނިޒާމުގެ ތެރެއިން ތަކާފުލް ކޮނސެޕްޓް ޕްރޮމޯޓުކޮށް، އިސްލާމިކް ފައިނޭންސް މުޅި ރާއްޖޭގައި ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" އަމާނާ ތަކާފުލްގެ ޗެއާމަން ވިދާޅުވި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކަކީ ރާއްޖޭގައި އިސްލާމީ ޝަރީޢާގެ އުސޫލުން ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭ ހަމައެކަނި ބޭންކެވެ. އަދި އަމާނާ ތަކާފުލްއަކީ އިސްލާމިކް އިންޝުއަރެންސް ނުވަތަ ތަކާފުލް ޚިދުމަތް ރާއްޖޭގައި ދޭންފެށި ކުންފުންޏެވެ.