29 Nov 2016, 16:01
މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް އެތަނުގެ މުވައްޒަފުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ އެކު މޯލްޑިވްސް އިމިގްރޭޝަނުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އިމިގްރޭޝަނުން މީހުން ތަމްރީންކުރަން ބޭނުންވާ އަދަދަށް އެމްއެންޔޫ އިން ހިންގާ ކޯސްތަކުން ޖާގަ ހަމަޖައްސައިދޭނެ އެވެ.
އެގޮތުން އިމިގްރޭޝަނުން ތަމްރީންކުރުމަށް އެދި އެ އަހަރަކު ހުށަހަޅާ މީހުންގެ ތެރެއިން، ދެ ފަރާތުން އެއްބަސްވެވޭ އަދަދަކަށް ކޯހުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކަސް ޔުނިވާސިޓީގެ ކޯސްތަކުން ޖާގަ ހަމަޖައްސައިދެވޭނެ އެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ. އަދި މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހާމިދު ފަތުހުﷲ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފަތުހުﷲ ވިދާޅުވީ، ވަޒީފާއާއި އާއިލީ ޒިންމާގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތައުލީމު ފޯރުކޮށްދިނުމަށް މިއަދު ސޮއިކުރި އެއްބަސްވުމަކީ އެފަދަ ކަމެއް އިމިގްރޭޝަންގެ ތާރީހުގައި ވެސް ކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
އަދި މިއީ މޯލްޑިވްސް އިމިގްރޭޝަންގެ ހިއުމަން ރިސޯސް ކެޕޭސިޓީ ހަރުދަނާކުރުމަކީ އިމިގްރޭޝަންގެ ކޮންޓްރޯލާ އަދި ޑެޕިއުޓީ ކޮންޓްރޯލާ ގެންގުޅެއްވި އަމާޒަށް ވާސިލްވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތަމްރީނުން ނިންމާލުމުގެ އިތުރުން ދިރާސާކުރުމުގެ ރޮނގުތަކުން ވެސް ޔުނިވާސިޓީގެ މަސައްކަތްތައް ފުޅާވެގެން ދިއުމަކީ އަމާޒެއް ކަމަށް ފާހަގަކުރައްވާ އެމްއެންޔޫގެ ވައިސް ޗާންސެލަރު ފަވާޒު ވިދާޅުވީ، އިމިގްރޭޝަނަކީ ވަރަށް ގިނަ މައުލޫމާތު ރައްކާކުރެވިފައި ހުރި ތަނެއް ކަމަށެވެ.
އެގޮތުން އެ މައުލޫމާތުތައް އެނަލައިޒް ކުރުމުގައި ޔުނިވާސިޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވިއްޖެ ނަމަ ރާއްޖޭގައި ހުރި ގިނަ މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ވައިސް ޗާންސެލަރު ފާހަގަކުރެއްވި އެވެ.