ވޮޝިންޓަން (ނޮވެމްބަރު 29): އެމެރިކާ އާއި ކިއުބާއާ ދެމެދު އޮތް ގުޅުންތައް އަނެއްކާ ވެސް ކަނޑާލާނެ ކަމުގެ އިންޒާރު ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

"ކިއުބާ އިން އެގައުމުގެ ރައްޔިތުންނަށާއި ކިއުބަން އެމެރިކާގެ ރައްޔިތުންނަށާއި އެމެރިކާ އަށް ޓަކައި މިހާރަށް ވުރެ ރަނގަޅު އެއްބަސްވުމެއް ނަހަދާ ނަމަ ދެ ގައުމުގެ މެދުގައި ހަދާފައިވާ އެއްބަސްވުން އުވާލާނަން،" ޓުރަމްޕް ޓުވީޓު ކުރެއްވި އެވެ.

ޓުރަމްޕް އެފަދައިން ވިދާޅުވެފައި ވަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އަވަހާރަވުމާ ގުޅިގެން "ފިޑެލް ކާސްޓްރޯ އަވަހާރަވެއްޖެ" ކަމަށް ޓުވީޓު ކުރެއްވުމަށް ފަހު އެވެ. އޭނާ ވަނީ ކާސްޓްރޯ އަކީ "އަނިޔާވެރި ޑިކްޓޭޓަރެއް"ގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ޓުރަމްޕް މަސައްކަތް ކުރައްވަނީ ގާތްގަނޑަކަށް ބައި ގަރުނަށް ފަހު ކިއުބާ އާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރުމަށް ހެދި ޝަރުތުތައް ބަދަލު ކުރައްވަން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯޝް އާނެސްޓް ވަނީ ކާސްޓްރޯ އަވަހާރަ ވުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް އެމެރިކާ އިން ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނާނެ ކަަމަށް ވިދާޅުވެފަ އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޓުރަމްޕް ވަނީ ކިއުބާއާ ބެހޭ ގޮތުން އޮބާމާ ގެންގުޅުއްވާ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. ކެމްޕެއިން ތެރޭގައި އޭނާ ވަނީ "ކިއުބާގެ ރައްޔިތުންނަށް ދީނީ އަދި ސިޔާސީ މިނިވަންކަން ނުދޭ ނަމަ އަދި ކިއުބާއިން ސިޔާސީ ހައްޔަރީން މިނިވަން ނުކުރާ ނަމަ" ކިއުބާއާ އެކު ގާއިމުކޮށްފައިވާ ގުޅުންތައް ކަނޑާލާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވަނީ ރައީސް ބަރަކް އޮބާމާގެ އެޑްމިނިސްޓްރޭޝަނުން މިދިޔަ އަހަރު ކިއުބާއާ އެކު ހަދާފައި ވަނީ "ބަލިކަށި އެއްބަސްވުމެއް" ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)