ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބަނދަރުތަކަށް ގާތް ކުރާ އުޅަނދު ފަހަރުތަކުން ނަގާ ފީ ބޮޑު ކުރުމަށް، ދިވެހި ރާއްޖޭގައި ބަނދަރު ކުލި ނެގުމާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު އެ އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، މިއަދުން ފެށިގެން އެ ގާނޫނަށް އަމަލު ކުރެވެން ފެށޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުން މި މަހު ފާސްކުރި މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އެވެ. އަޒްހާން ވިދާޅުވީ ބަނދަރު ކުލީގެ ގޮތުގައި ނަގަމުން އަންނަ ކުއްޔަކީ މީގެ 38 އަހަރު ކުރިން ކަނޑައަޅާފައި އޮތް އަދަދުތަކެއް ކަމަށާއި އެއީ މުދަލާއި ތަކެއްޗަށް އައިސްފައިވާ ބަދަލަށް ބަލާ އިރު، އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށެވެ.

އިސްލާހުގައި ވަނީ:

  • 200 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ ނެގުމަށް

  • 200 ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ އުޅަނދަކުން 300 ރުފިޔާ ނެގުމަށް
  • 1000 ޓަނުން ފެށިގެން 2000 ޓަނު ހަމަނުވާ އުޅަނދަކުން 400 ރުފިޔާ ނެގުމަށް
  • 2000 ގްރޮސް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 500 ރުފިޔާ ނެގުމަށް
  • 2000 ގްރޮސް ޓަނުން ފެށިގެން އިތުރުވާ ކޮންމެ 500 ޓަނަކަށް 250 ރުފިޔާ ނެގުމަށް

މީގެ ކުރިން ބަނދަރު ކުލި ނަގަމުން އައި އުސޫލު:

  • 100 ނެޓް ރެޖިސްޓާޑް ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 50 ރުފިޔާ

  • 100 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 500 ޓަނު ހަމަނުވާ އުޅަނދަކުން 200 ރުފިޔާ
  • 500 ނެޓް ރެޖިސްޓާޑް ޓަނުން ފެށިގެން 1000 ޓަނު ހަމަނުވާ ކޮންމެ އުޅަނދަކުން 300 ރުފިޔާ
  • 1000 ނެޓް ރެޖިސްޓާޑް ޓަނު ހަމަވާ ކޮންމެ އުޅަނދަކުން 400 ރުފިޔާ
  • 1000 ނެޓް ރެޖިސްޓާޑް ޓަނަށްވުރެ އިތުރުވާ ކޮންމެ 500 ޓަނެއް ހަމަވަންދެން 200 ރުފިޔާ