16 Jun 2011, 13:16
އއ. ތޮއްޑޫގައި ހުންނަ އެމްޑީޕީގެ ހަރުގެއަކަށާއި އެ ހަރުގެ ހަދާފައި ހުންނަ ގެއަށް މިޔަރު ތެލާއި ކަޅު ތެޔޮޖެހި މައްސަލައަކާއި ޑީއާރްޕީގެ ޖަގަހައަކަށް ކަޅުތެޔޮޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައި އެމްޑީޕީގެ އެމްޑީޕީގެ ޑައިވިން ހަރުގެއަކަށާއި އެ ހަރުގެ ހުންނަ ތޮއްޑޫ އިރުދޭމާގެއަށް ބަޔަކު ކަޅު ތެޔޮ ޖެހި މައްސަލައަކާއި އެރަށުގައި ހުންނަ ޑީއާރްޕީގެ ޖަގަހައަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ބަލަމުންގެންދާ ކަމަށާއި އެ ދެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަމަށެވެ.
އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށް އިއްޔެ ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނަނީ އެ އަމަލު ހިންގާފައިވަނީ އެ ރަށުގައި އުޅޭ ޑީއާރްޕީއަށް ތާއިދުކުރާ ބަޔަކު، ރަށުގެ ޒުވާނުނުންނަށް ފައިސާކޮޅެއް ދީގެން ކަމަށެވެ. އެ އަމަލު އެގޮތަށް ހިންގާފައިވަނީ އެ ދާއިރާގެ މެންބަރު އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވުމާއި މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ޑރ.އަފްރާޝީމް އަލީ ބޭރުކުރުމުން އެކަން ހަޖަމް ނުކުރެވިގެން ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި ވެއެވެ.
އެމްޑީޕީން އަދި ބުނީ އެއީ ވަރަށް ބޮޑަށް ރާވައިގެން ތޮއްޑޫގެ އަމަންއަމާން ކަމާއި ސުލްހަ މަސަލަސް ކަން ނަގާލުމަށް ބަޔަކު ހިންގި އަމަލެއް ކަމަށެވެ. އަދި އެފަދަ ފިނޑި އަމަލެއް ހިންގި ބަޔަކު ވީއެންމެ އަވަހަކަށް ހޯދައި ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އެމްޑީޕީގެ އެ ނޫސްބަޔާނުގައި ފުލުހުންނަށް ގޮވާލާފައި ވެއެވެ.
ޑީއާރްޕީ ތޮއްޑޫ ގޮފި ހިންގެވުމާއި ހަވާލުވެ ހުންނެވި މޫސާ ހަސަން މިއަދު ވިދާޅުވީ އެ ކަންތައް ކޮންމެ ބަޔަކު ކުރިނަމަވެސް އެކަމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމެއް ކުރި ބަޔަކު އެކަންތައް ކޮށްފައިވަނީ ޕާޓީގެ ރޫހުގައި ކަމަށެވެ.
" އެމްޑީޕީގެ ހަރުގެއަށް ތެޔޮޖެހީ ޑީއާރްޕީގެ ޖަގަހައަކަށް ކަޅުތެޔޮ ޖެހިރޭ ނޫން އަނެއް ރޭ، އެކަންތައް ކުރި ވަކިބަޔަކު އަދި ނޭނގޭ،" މޫސަ ވިދާޅުވި އެވެ.