ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ކޮންމެ މެމްބަރަކަށް، އެ މެމްބަރެއްގެ ދާއިރާގެ ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދިނުމަށް ކޮންމެ މަހަކު އިތުރު އެއްލައްކަ ރުފިޔާގެ އެލަވަންސެއް ދިނުމަށް އެގައުމުގެ ސަރުކާރުން ހުށަހަޅައިފި އެވެ.

ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މުސާރަ ބޮޑުކޮށްދޭން ޖެހޭ ވާހަކަ ނޫސްތަކުގައި ލިޔެ، ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ކަމަށާއި، އެއީ ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ވެސް ކުރައްވާ ކަމަށެވެ.

ރަނިލް ވިދާޅުވީ އަންނަ އަހަރުގެ ކޮންމެ މަހަކު، ކޮންމެ މެމްބަރަކަށް ވެސް 100،000 ރުޕީސް (673 ޑޮލަރު)ގެ އެލަވަންސެއް އިތުރަށް ދޭނެ ކަމަށާއި، ނަމަވެސް އެއީ މެމްބަރުގެ އަމިއްލަ ބޭނުންތަކަށް ދޭ ފައިސާއެއް ނޫން ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، އެއްލައްކަ ރުޕީސްގެ އެ އެލަވަންސް ބޭނުންކުރަން ޖެހޭނީ، މެމްބަރުގެ ދާއިރާގެ ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދިނުމަށެވެ.

"މެމްބަރުންނަށް އާންމުކޮށް ލިބޭނެ، ދާއިރާ ރައްޔިތުންގެ ކައިވެނި ހަފްލާތަކަށް. އަދި ޖަނާޒާތަކަށް ވެސް. ހުށަހަޅާފައިވާ މި އެލަވަންސް ބޭނުންކުރަން ޖެހޭނީ ކައިވެނި ހަފްލާތަކަށް ދާ އިރު ހަދިޔާގެ ގޮތުގައި. ނުވަތަ ޖަނާޒާތަކަށްދާ އިރު އާއިލާތަކަށްދޭ އެއްޗެއްގެ ގޮތުގައި،" ރަނިލް ވިދާޅުވި އެވެ.

ސްރީލަންކާގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ މިހާރުގެ މުސާރައަށް ބަލާއިރު، އިނާޔަތްތަކާ އެކު އެވަރޭޖްކޮށް މަހަކު ލިބޭނީ 266،000 ރުޕީސް (ގާތްގަނޑަކަށް 1790 ޑޮލަރު) އެވެ.