ކުނިނައްތާލުމުގެ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ބިން އެންވަޔަރަންމަންޓް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަކޮށްފައިވާ ބިން ހައުސިން މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

އެކަމަށް ޓަކައި އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ އެ ވިލެޖުގައި ވޭސްޓް މެނޭޖްމެންޓް ސިސްޓަމް ގާއިމް ކުރެވިގެން ދިއުމުން ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވީ ވޭސްޓް މެނޭޖްމެންޓްގެ ހުރިހާ މަސައްކަތެއް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރެވޭނެ ކަމަށެވެ.

މާލެ އިންޑަސްޓުރިއަލް ވިލެޖުގައި ކުނިނައްތާލުމުގެ ނިިޒާމް ގާއިމް ކުރުމަށް ބޭނުންވާ ބިން އެންވަޔަރަންމަންޓު މިނިސްޓްރީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިގު ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ// މުހައްމަދު އަފްރާހް

"މި ބިން ލިބުމުން މާލޭގެ ކުނި މެނޭޖްކުރަން ކުރާ މަސައްކަތްތަކުގެ ހުރިހާ ކަމެއް މި ސަރަހައްދަށް ބަދަލުކުރެވިގެން ދާނެ، މި ބިން ތަރައްގީކޮށް ނިމުމުން ވަރަށް ފުރިހަމަކޮށް ފެނިގެންދާނީ. އޭރުން މިތަނަށް ވަންނަ ހުރިހާ ކުންޏެއް މެޝާ ކުރެވި ބަރުދަން ވެސް ބެލިގެން ތިލަފުޓަށް ބޭރު ކުރެވިގެން ދާނެ ނިޒާމެއް ގާއިމް ކުރެވޭނެ،" މިނިސްޓަރު ޠާރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިމުގައި ވޭސްޓް މެނޭޖްމެންޓް ސިސްޓަމް ގާއިމް ކުރެވިގެން ދިއުމުން ކުނީގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.