އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ހަ ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ސަންޑަލޭންޑާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ލިވަޕޫލް މޮޅުވި މެޗުގައި ކުޓީނިއޯ އަށް ލިބުނު އަނިޔާގެ ތަފްސީލް ލިބުނީ ލިވަޕޫލްގެ ސްޕަޔާ ހޮސްޕިޓަލުން އިއްޔެ ހެދި ސްކޭންތަކުންނެވެ.

ކުޓީނިއޯ އަށް ލިބުނު އެ އަނިޔާގެ ގޮތުން ކުޓީނިއޯ ހަ ހަފްތާ އަށް ވުރެ ކުރިން ދަނޑުމަތިން ފެނުމުގެ ފުރުސަތު އޮތްކަމަށް ހަބަރުތައް ބުނި ނަމަވެސް، އަންނަ މަހުގެ 19 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށް އޭނާ ފިޓެއް ނުވާނެ އެވެ. ނަމަވެސް އަންނަ މަހުގެ 31 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗަށް ކުޓީނިއޯ ފިޓްވުމުގެ ފުރުސަތު އެބައޮތެވެ.

ކުޓީނިއޯއާ އެކު މިވަގުތު ލިވަޕޫލްގެ މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ އިނގިރޭސި ފޯވަޑް ޑެނިއެލް ސްޓައިޖް އާއި، މިޑްފީލްޑަރު އެޑަމް ލަލާނާ އަދި ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯ ވެސް ދަނީ އަނިޔާތަކަކާ ކުރިމަތިލަމުންނެވެ.