ވޮޝިންޓަން (ނޮވެމްބަރު 29): އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ބުނެ ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕް ވަނީ ޑިމޮކްރަޓިކް ރިޔާސީ ކެނޑިޑޭޓް ހިލަރީ ކްލިންޓަން ކާމިޔާބު ކުރެއްވި ތިން ސްޓޭޓެއް ކަމަށްވާ ވާޖީނިއާ، ނިއު ހޭމްޕްޝަޔާ އަދި ކެލިފޯނިއާގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ބުނެފަ އެވެ.

"އަޅުގަނޑަށް ޔަގީން ކަމާއެކު ބުނެވެން އެބަ އޮތް (ޓްރަމްޕްގެ) ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަން،" ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓުތަކެއްގަ އެވެ.

އިލެކްޓޯރަލް ވޯޓަށް ބަލާ އިރު ހިލަރީއަށް ވުރެ އިތުރަށް ޓްރަމްޕަށް ވޯޓު ލިބުނު ނަމަވެސް އާއްމުންގެ ގިނަ ވޯޓު ނުވަތަ ޕޮޕިއުލާ ވޯޓު ލިބުނީ ހިލަރީ އަށެވެ. ޓްރަމްޕަށް ވުރެ އިތުރަށް ހިލަރީއަށް ދެމިލިއަން ވޯޓު ލިބިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"ގާނޫނާ ހިލާފަށް ވޯޓުލީ އެތައް މިލިއަން މީހުންގެ ވޯޓުތައް ނުގުނާމަ އަޅުގަނޑު ވަނީ އިލެކްޓޯރަލް ކޮލެޖުގެ އިތުރުން ޕޮޕިއުލާ ވޯޓުވެސް ކާމިޔާބު ކޮށްފައި. އެޕޮޕިއުލާ ވޯޓު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ އަޅުގަނޑު ދިޔަ 15 ސްޓޭޓަށް ނުގޮސް ތިން ހަތަރު ސްޓޭޓަކަށް ދިޔަ ނަމަ،" ޓްރަމްޕްގެ ޓުވީޓުތަކެއްގައި އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އެތުހުމަތުތައް ކުރެއްވީ ބައެއް ސްޓޭޓުތަކުގެ ވޯޓުތައް އަލުން ގުނުމުގައި ހިލަރީ ކްލިންޓަންގެ ކެމްޕެއިނުން ބައިވެރި ވާނެ ކަމަށް ބުނުމުންނެވެ. ވިސްކޮންސިން، މިޝިގަން އަދި ޕެންސިލްވޭނިއާގެ ވޯޓިން ސިސްޓަމްތައް ހެކް ކޮށްފައިވާ ކަމަށް ބުނެ އެސްޓޭޓުތަކުގެ ވޯޓު އަލުން ގުނުމަށް ހުށަހަޅާފައި ވަނީ ގްރީން ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ޖިލް ސްޓެއިން އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަދަލު ވާނީ ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާފައިވާ އެ ތިން ސްޓޭޓުގެ ވެސް ނަތީޖާ ބަދަލުވެއްޖެ ނަމަ އެވެ. (ބީބީސީ)