އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީގެ ސްކޮޑަށް ވުރެ، ޓޮޓެންހަމް ހޮޓްސްޕާގެ ސްކޮޑު ވަރުގަދަ ކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު ހެރީ ރެޑްނެޕް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ޓޮޓްނަހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި ޗެލްސީން ވަނީ ކުރި ހޯދައިފަ އެވެ. ޓޮޓެންހަމް އަށް ކްރިސްޓިއަން އެރިކްސަން ލީޑު ހޯދައިދީފައި ވަނިކޮށް، ޗެލްސީ އަށް ތިން ޕޮއިންޓް ކަށަވަރުވީ ޕެޑްރޯ އާއި ވިކްޓަ މޮސެސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރެޑްނެޕް ފާހަގަކުރި ގޮތުގައި، ޗެލްސީގެ ޑިފެންސް ލައިނަށް ވުރެ ޓޮޓެންހަމްގެ ޑިފެންސް ލައިން ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ.

"އަހަރެންނަށް ޗެލްސީގެ ޑިފެންސް ލައިނަށް ވުރެ، ޓޮޓެންހަމްގެ ޑިފެންސް ލައިން ރަނގަޅު. ޗެލްސީގެ ވިންގް ބެކަށް މޮސެސް ރަނގަޅު ކުޅުމެއް ދައްކާ. އެކަމަކު ޓޮޓެންހަމްގެ ކައިލް ވޯކާގެ ބަދަލުގައި އަހަރެން މޮސެސް އެއް ނުނަގާނަން. ޓޮޓެންހަމްގެ ޑެނީ ރޯސް ވެސް ގިނަ ކުރިއެރުންތަކެއް ހޯދައިފި. ޔޭން ވާޓޮންގެން އަދި ޓޮބީ އަލްޑާވެރެލްޑް ވެސް ވަރަށް ރަނގަޅު. ގޯލްކީޕަރު ހޫގޯ ލޮރިސްއާ އެކު ޕްރިމިއާ ލީގުގެ އެންމެ ވަރުގަދަ ޑިފެންސް ލައިނެއް އޮތީ ޓޮޓެންހަމްގައި،"ޓޯކް ސްޕޯޓްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ރެޑްނެޕް ބުނީ، ޗެލްސީގެ ކުޅުންތެރިންނަކީ ކޮންމެ ފަދަ ޓީމަކުން ވެސް ޖާގަ ހޯދިދާނެ ފަދަ ކުޅުންތެރިން ކަމަށާއި އެ ޓީމުގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

"ޗެލްސީގެ އެންގޯލޯ ކަންޓޭ އަކީ ވަރަށް މޮޅު ކުޅުންތެރިޔަކު. ނަމެންޔާ މަޓިޗް ވެސް ރަނގަޅު. އެޑެން ހަޒާޑަކީ ކޮންމެ ފަދަ ޓީމަކުން ވެސް ޖާގަ ލިބިދާނެ ފަދަ ކުޅުންތެރިއެއް. ޑިއެގޯ ކޮސްޓާ އަކީ މިވަގުތު ވަރަށް ރަނގަޅު ކުޅުމެއް ދައްކާ ކުޅުންތެރިއެއް. އެކަމަކު އަހަރެން ހޮވާލާ ޓީމެއްގައި ގިނަ ވާނީ ޗެލްސީ އަށް ވުރެ ޓޮޓެންހަމްގެ ކުޅުންތެރިން،" އޭނާ ބުންޏެވެ.

ޕްރިމިއާ ލީގު ތާވަލުގެ އެއް ވަނާގައި 31 ޕޮއިންޓާ އެކު މިވަގުތު އެންޓޯނިއޯ ކޮންޓޭގެ ޗެލްސީ އޮތް އިރު، މައުރީސިއޯ ޕޮޗެޓީނޯގެ ޓޮޓެންހަމް އޮތީ 24 ޕޮއިންޓާއެކު ތާވާލުގެ ހަ ވަނައިގަ އެވެ.