16 Jun 2011, 12:57
ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް މާލޭ ސިޓީ ކައުސިލުން ހަވާލުކޮށްފައިވާ އެމްވީކޭ އިން މާލޭގައި ބަހުގެ ހިދުމަތް ދިނުމުގެ ގޮތުން ޓެސްޓް ބުރުތައް މިއަދު ފަށައިފި އެވެ.
އެމްވީކޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އަޖުމަބެލުމުގެ ގޮތުން ބަސް ދަތުރުތައް މިއަދު ހެނދުނު ފެށި ނަމަވެސް، އަދި ރަސްމީކޮށް ބަހުގެ ދަތުރު ނުފަށާ ކަމަށެވެ. އިތުރު ތަފްސީލް ދެއްވޭނީ ފަހުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުން ފެށިގެން ޓެސްޓް ދަތުރުތައް ފަށައި ބައެއް ސްކޫލް ކުދިންނާއި އާއްމު ވަނީ ބަހުގައި ދަތުރުކޮށްފަ އެވެ.
މާލޭގައި މަހުގެ ބަހުގެ ހިދުމަތް ދިނުމަށް 10 ބަހެއް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްވީކޭއިން ވަނީ ބުނެފަ އެވެ. ނަމަވެސް ޓެސްޓް ދަތުރުތަކަށް މިއަދު ބޭނުންކޮށްފައި ވަނީ އެއް ބަހެވެ.
އެމްވީކޭ އިން ބުނީ މާލޭގައި ރަސްމީކޮށް ބަހުގެ ހިދުމަތް ދޭން ފަށާއިރު 40 ބަސް ސްޓޮޕާއި އަށް ބަސްސްޓޭންޑް ގާއިމްކުރާނެ ކަމަށެވެ. އަދި ބަސްދަތުރު އޮންނާނީ ހެނދުނު ހަޔަކުން ރޭގަނޑު ބާރައަށް ދެ ރޫޓަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.