29 Nov 2016, 10:14
ސަންޢާ (ނޮވެމްބަރު 29) : ޔަމަންގެ އިދިކޮޅު ފަރާތްތަކުން ވެރިރަށް ސަންޢާގައި ސަރުކާރެއް އެކުލަވާލައި އެކަން އިޢްލާންކޮށްފި އެވެ.
ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހޫޘީންނާއި އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙްގެ ޖަމާއަތުން އެކުލަވާލާފައިވާ ސިޔާސީ މަޖިލީހުން ރޭގައި ވަނީ 42 ވަޒީރުންގެ މައްޗަށް އެކުލެވޭ ސަރުކާރެއް ސަރުކާރެއް އެކުލަވާލައި ޔަމަންގެ އަސްލު ސަރުކާރަކީ އެއީކަން އިޢްލާންކޮށްފަ އެވެ.
ހޫޘީންނާއި ސާލިޙްގެ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ގިނައިން ތިއްބެވީ ސާލިޙް ވެރިކަމުގައި ޔަމަންގައި އިސް މަގާމުތައް އަދާކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅުންގެ އިތުރުން ޔަމަންގެ ސިފައިންގެ ލަޝްކަރުތަކުގެ ބައެއް ޖެނެރަލުންނާއި ހޫޘީ ޖަމާއަތުގެ އިސް ބައެއް ބޭފުޅުންނެވެ. މިސަރުކާރުގެ ބޮޑުވަޒީރަކީ އަބްދުލްއަޒީޒް ބިން ސާލިޙް އަލްހަބްތޫރެވެ.
ސާލިހްއާއި ހޫޘީންގެ ސަރުކާރު އިޢްލާން ކުރުމާ އެކު ޔަމަންގައި މިހާރު މިވަނީ ދެ ސަރުކާރު އުފެދިފަ އެވެ. މީގެ ތެރެއިން ފުރަތަމަ ސަރުކާރަކީ ސައޫދީ އަރަބިޔާ އަށް ތާއީދުކުރައްވާ ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރެވެ. ހާދީގެ ސަރުކާރުގެ ގިނަ ވަޒީރުން ދިރިއުޅުއް ވަނީ ސައޫދީ ގައެވެ. ނަމަވެސް ބައެއް ވަޒީރުން ޔަމަންގެ އަދަންގައި ވެސް އުޅުއްވަ އެވެ.
ޔަމަންގައި އިތުރު ސަރުކާރެއް އުފެދިގެން މިދިޔައީ އެގައުމުގެ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރުމަށް އދ. އިސްކޮށް އޮވެގެން ކުރަމުންގެންދާ މަސައްކަތްތައް ނާކާމިޔާބުވެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުންވެސް ރޫޅިގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ. ޔަމަންގެ ޝަރުޢީ ސަރުކާރުގެ ގޮތުގައި ސިފަކުރެވޭ އަބްދު ރައްބު މަންސޫރު ހާދީގެ ސަރުކާރަކީ ވެސް އެސަރުކާރުގެ ދައުރު ހަމަވެފައިވާ ސަރުކާރެކެވެ.
ޔަމަންގައި އިންތިޚާބެއް ބާއްވައިގެން އައުސަރުކާރެއް ނުއުފެއްދިގެން އުޅެނީ އެގައުމުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުންނެވެ. ހޫޘީންނާއި ކުރީގެ ރައީސް ސާލިޙް ގުޅިގެން އައު ސަރުކާރެއް އުފެއްދުމުން ޔަމަންގެ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރުމުގެ ކަންތައް އިތުރަށް އުނދަނގޫވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ.
ޔަމަންގައި ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ފެށިގެންދިޔައީ ރައީސް އަބްދުރައްބު މަންސޫރު ހާދީގެ ވެރިކަމާދެކޮޅަށް ހޫޘީ ޖަމާއަތާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގުޅިގެން ތެދުވުމުން، ހާދީ ސައޫދީ އަރަބިޔާއަށް ފިލާވަޑައިގެން ސައޫދީ އަރަބިޔާގެ އަސްކަރީ އެހީ ހޯއްދެވުމާ ގުޅިގެންނެވެ. ހޫޘީންނާއި ސާލިޙްގެ ބާރުތައް ބަލިކޮށްލުމަށް ޓަކައި ސައޫދީންގެ އަސްކަރީ މަދަދު ހޯއްދެވި ނަމަވެސް ވެރިކަން އަލުން އަނބުރައި އިޢާދަކުރުމުގައި ހާދީ ވަނީ ނުކުޅެދިފަ އެވެ.
ސައޫދީން އިސްވެ އޮވެގެން އުފައްދާފައިވާ އަރަބި އެލަޔަންސްގައި ހިމެނެނީ ސައޫދީގެ އިތުރުން ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތަރާއި ޔޫއޭއީ އެވެ. ހާދީގެ ސަރުކާރު އަލުން އަނބުރައި އިޢާދަކުރުމުގެ ނަމުގައި މި އެލަޔަންސުން ޔަމަނަށްދޭ ގަދަފަދަ ވައިގެ ޙަމަލާތައް ޔަމަންގެ މަދަނީ އިންފްރާސްޓްރަކްޗާ އަށް އަމާޒުކުރަމުން ގެންދިޔުމުގެ ސަބަބުން ޔަމަންގެ ބޮޑުބައެއްވަނީ މުޅިން ހަލާކުވެ ސުންނާފަތިވެފަ އެވެ. އަދި މިހަނގުރާމައިގާ ޔަމަންގެ އެތައް މިލިޔަން މީހުން ހާލުގައިޖެހި ގެދޮރުގެއްލިފައިވާއިރު ވިއްސަކަށް ހާސް އާންމުން މަރުވެފައިވާ ކަމަށް އދ. ން ބުނެއެވެ.
ހާދީގެ ސަރުކާރު އަލުން އަނބުރައި އިޢާދަކުރުމުގެ ނަމުގައި އަރަބި އެލަޔަންސުން ޔަމަނަށްދޭ ގަދަފަދަ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާ ތަންތަނުގެ ތެރޭގައި މީހުން މަރުވުމުން ބާއްވާ ޖަނާޒާތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ސަރުކާރުގެ އިމާރާތްތަކާއި އާންމުންގެ ގެދޮރުވެސް ހިމެނެ އެވެ. މިގޮތުން ޔަމަންގައި ވެސް ހިނގަމުންދަނީ ސޫރިޔާގައި ހިނގަމުންދާ ފަދަ ލާއިންސާނީ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށް އދ. ންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ސިފަކޮށްފައެވެ. (ނޫސްއެޖެންސީތައް)