އަލް ގުދުސް (ނޮވެމްބަރު 29): ސީރިއާގެ އިރުމަތީ ހަލަބުން އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދު ގެއްލުނަސް ރައީސް ބައްޝާރުލް އައްސަދާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުގެ އިސް ނެގޯޝިއޭޓަރަކު ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން އެފަދައިން ބުނެފައި ވަނީ ސަރުކާރުގެ ފައުޖުތަކުން ދެހަފްތާ ވަންދެން މެދުނުކެނޑި ދިން ވައިގެ ހަމަލާތަކުގައި އިރުމަތީ ހަލަބުގެ އުތުރުގައިވާ ބައި އެއްކޮށް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނިކޮށެވެ. ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ބިމުގެ 40 ޕަސެންޓު ކަމަށްވާ 12 ޑިސްޓްރިކްޓެއް މިހާރު އޮތީ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކުގެ ގުރޫޕު ހައި ނެގޯޝިއޭޝަންސް ކޮމިޓީ (އެޗްއެންސީ)ގެ ޗީފް ނެގޯޝިއޭޓަރު ޖޯޖް ސަބްރާ ވަނީ ހަލަބުގައި އެމީހުން ބަލިވި ނަމަވެސް އެއީ "އިންގިލާބުގެ ނިމުން ނޫން" ކަމަށް ބުނެފަ އެވެ.

"ހަލަބަކީ އިންގިލާބަށް މުހިއްމު ތަނެއް. ނަމަވެސް އެއީ އެންމެ ފަހު ތަނެއް ނޫން. އަޅުގަނޑުމެންގެ ބާރުގެ ދަށުގައި މިހާރު ވެސް އެތައް ސަރަހައްދެއް އެބަ އޮތް،" ސަބްރާ ބުންޏެވެ.

ނަމަވެސް ސީރިއާ ސަރުކާރާއި، ސަރުކާރާ އެއްބައިވާ ފަރާތްތަކުން ހަލަބުގައި ފަށާފައިވާ އަސްކަރީ ކެމްޕެއިނުގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ހުރަސް އެޅޭނެ ކަމަށް ސަބްރާ ފާހަގަ ކުރި އެވެ.

"މިފަދަ ދަނޑިވަޅެއްގައި ސުލްހަވެރި ނިންމުމަކާ ބެހޭ ގޮތުން އެއްވެސް މީހަކަށް ނުވިސްނޭނެ،" ސަބްރާ ބުންޏެވެ.

އިރުމަތީ ހަލަބުގައި ސީރިއާ ސަރުކާރުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި -- ފޮޓޯ: އޭޕީ

ސީރިއާ ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ބުނި ގޮތުގައި 2012 ވަނަ އަހަރު އިރުމަތީ ހަލަބު ހިފި އިދިކޮޅު ފަރާތްތަކަށް އެސަރަހައްދު ގެއްލުމަކީ ބޮޑު ގެއްލުމެކެވެ. އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސީރިއާ ސަރުކާރުން ކުރާ ހަނގުރާމާގައި މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރަޝިއާ އިން ބައިވެރިވި ފަހުން ސަރުކާރުން ވަނީ ސީރިއާ ހަނގުރާމައިގައި ބޮޑު ކުރިއެރުންތައް ހޯދައިފަ އެވެ.

މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސްއިން ބުނި ގޮތުގައި ސަރުކާރުގެ ހަމަލާތަކުގެ ސަބަބުން އިރުމަތީ ހަލަބުގެ އެތައް ރައްޔިތުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.

"މީހުން ނިދަނީ މަގުމަތީގައި. އެމީހުންގެ އަތުގައި ކާނެ އެއްޗެއްވެސް ބޯނެ އެއްޗެއްވެސް ނެތް،" ވައިޓް ހެލްމެޓްސްގެ ތަރުޖަމާނު އިބްރާހިމް އަބޫ އައްލީތު ބުންޏެވެ.

ޔޫއެން އިން ވަނީ ހަލަބުގެ ހާލަތާ ބެހޭ ގޮތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ގެއްލުންވެފައިވާ ސަރަހައްދުތަކަށް އެހީ ދޭ ފަރާތްތަކުން ވަނުމަށް ހުއްދަ ދިނުމަށް ގޮވާލައިފަ އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އިރުމަތީ ހަލަބުން ގާތްގަނޑަކަށް 10،000 މީހުން ސަރުކާރުގެ ކޮންޓްރޯލް ދަށުގައިވާ ނުވަތަ ކުރުދީންގެ ބާރު އޮތް ސަރަހައްދުތަކަށް ފިލާފައިވެ އެވެ. (ބީބީސީ)