29 Nov 2016, 08:47
ބޮލީވުޑްގެ ބަތަލު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އަށް ފަހު، އޭނާގެ ފިރިހެން ދަރިފުޅު އާހަން ޝެޓީ ވެސް ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.
އާހަންގެ ފުރަތަމަ ބޮލީވުޑް ފިލްމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އާހަން އާއި ސަލްމާން ޚާން އެކުގައި ނަގާފައިވާ ފޮޓޯއެއް އާންމުވުމާ އެކު ގިނަ ބަޔަކު ހީކޮށްގެން ތިބީ އާހަން ބޮލީވުޑަށް ތައާރަފު ކޮށްދޭނީ ސަލްމާން ކަމަށެވެ. އެއީ އާތިޔާ ވެސް ބޮލީވުޑަށް ނެރެދިނީ ސަލްމާން ކަމުގައި ވާތީ އެވެ.
އާހަންގެ ބައްޕަ ސުނިލް ޝެޓީ ވެސް ވަނީ އާހަން ލޯންޗު ކުރާނީ ސަލްމާން ކަމަށް ބުނެފަ އެވެ. އަދި އެކަމަށް ދެތިން އަހަރު ނަގާނެ ކަމަށާއި، އާހަން ބޮލީވުޑަށް ތައްޔާރު ވަމުން އަންނަ ކަމަށް ސުނިލް ވަނީ ބުނެފަ އެވެ.
ނަމަވެސް ފަހުން ވަނީ އެ ވާހަކަތަކުގެ ރާގު ބަދަލު، އާހަން ލޯންޗު ކުރާނީ 'ބާޣީ'، 'ހީރޯޕަންތީ' އަދި 'ކިކް' ފަދަ ފިލްމުތައް ޑައިރެކްޓު ކޮށްފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ސާޖިދް ނާދިއަދްވާލާ ކަމަށް ވާހަކަތައް ދެކެވެން ފަށައިފަ އެވެ.
އެ ހީކުރުންތަކާ އެއްގޮތަށް، އާހަން ބޮލީވުޑަށް ތައާރަފު ވާނީ ސާޖިދްގެ ފިލްމަކުން ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެކަން ޔަގީން ކޮށްދިނީ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ކުރި ޓުވީޓެއްގަ އެވެ.
އާހަން އަށް ތައުރީފު ކުރަމުން ކަރަން ބުނެފައި ވަނީ އާހަން އަކީ އަރަން ތައްޔާރުވެފައި އިން ތަރި އެއް ކަމަށެވެ.
އުމުރުން 20 އަހަރުގެ އާހަން މިވަގުތު ހުރީ އޭނާގެ ޑެބިއު ފިލްމަށް ފުރިހަމަ ކުރަން ޖެހޭ ތަމްރީނު ތަކެއްގައި ލަންޑަން ގަ އެވެ.
އާހަންގެ ފުރަތަމަ ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ 2017 ވަނަ އަހަރު ކަމަށް ބެލެވެ އެވެ. އެއީ އެކްޝަން-ރޮމޭންސް ފިލްމެކެވެ.