ޒުވާނުންގެ ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްގީކުރާ ހުޅުމާލޭގެ އުންމީދުތައް ހަގީގަތަކަށް ވަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ، މީގެ 12 އަހަރު ކުރިން ހުޅުމާލެ ހުރި ހާލަތާއި ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރު ދުވަހު ހުޅުމާލެއަށް އައިސްފައިވާ ތަރައްގީ އަޅައި ކިޔުއްވައިފަ އެވެ.

ސައީދު ވިދާޅުވީ، މީގެ 12 އަހަރު ކުރިން ހުޅުމާލޭގައި ހުރި ކެޕިޓަލް އިންވެސްޓްމެންޓްގެ އަދަދަކީ އެންމެ 1.6 ބިލިޔަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް މިދިޔަ ތިން އަހަރު ދުވަހު، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އަމިއްލަ އަށް ވެސް 14 ބިލިޔަން ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ބޭރުގެ ފަރާތްތަކުގެ އިންވެސްޓްމެންޓާ އެކު، ޖުމްލަ 26 ބިލިޔަން ރުފިޔާ ހުޅުމާލެއަށް ތިން އަހަރު ތެރޭގައި އިންވެސްޓް ކޮށްފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، 12 އަހަރުގެ ތެރޭގައި ހުޅުމާލެއިން ވިޔަފާރިތަކަށް ދޫކޮށްފައި ވަނީ އެންމެ 27،000 އަކަފޫޓުގެ ބިން ކަމަށާއި ނަމަވެސް މިދިޔަ ތިން އަހަރު ދުވަސް ތެރޭގައި 46،000 އަކަފޫޓުގެ ބިން ދޫކުރެވި، އެތަންތަނުގައި މިހާރު ވެސް ވިޔަފާރި ހިނގަމުންދާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ސިނާއީ މަސައްކަތް ކުރުމަށް މީގެ ކުރިން 46 ޕްލޮޓު ދޫކުރެވުނު ކަމަށާއި މިދިޔަ ތިން އަހަރު ތެރޭގައި 51 ޕްލޮޓު ދޫކުރެވި، އެތަންތަނުގައި ސިނާއީ މަސައްކަތް ފަށައިގެން ކުރިޔަށްދާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

"ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ރެޒިޑޭންޝަލް. މި ފޯމިއުލާގެ މައްޗަށް ސިޓީތައް ބިނާވާ ނަމަ، ޔޫތު ސިޓީގެ އުންމީދުތައް އެދަނީ މިހާރު ހަގީގަތަކަށް ވަމުން،" އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ހުޅުމާލޭގައި ސަރުކާރުން ސޯޝަލް ހައުސިންގްގެ މަޝްރޫއުތަކެއް ހިންގަމުންދާ އިރު، ރާއްޖެއާއި ރާއްޖެ އިން ބޭރުގެ އަމިއްލަ ގިނަ ކުންފުނިތަކަކުން ދަނީ އެޕާޓްމެންޓް ކޮމްޕްލެކްސްތަކެއް ވެސް އަޅަމުންނެވެ. މީގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރާވައިފަ އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، 2011 ވަނަ އަހަރު ރާއްޖެއަށް އިމްޕޯޓުކުރި ކޮންޓެއިނަރުގެ އަދަދަކީ 27،000 ކަމަށާއި އެ އަދަދު 2015 ވަނަ އަހަރު 41،000 އަށް އިތުރުވެފައިވާ ކަމަށެވެ.

"މިއަށް ދެން ކުރިއެރުމޭ ނުކިޔާ ކަމަށް ވަންޏާ، ކޮން ކަމަކަށްތޯ ކުރިއެރުމޭ ކިޔާފައި ވާހަކަ ދައްކާނީ؟" އިކޮނޮމިކް މިނިސްޓަރު ޖަލްސާގައި ސުވާލު އުފެއްދެވި އެވެ.