29 Nov 2016, 09:00
ޒަމާން ބަދަލުވެ ތަރައްގީގެ ކުލަވަރުތައް ރާއްޖެ އަށް އަންނަމުންދިޔައީ ދިވެހިންގެ ހިތް ނުރުހޭނެ ނޭދެވޭ އަސަރުތަކަކާ އެކުގަ އެވެ. ދިވެހި ފަސްގަނޑަށް މަސްތުވާތަކެތި ތައާރަފްވެ ދިވެހިންގެ ތެރޭގައި ފެތުރެމުން ދިޔައީ ރޯގާއެއް ފެތުރޭހާ ބާރު ދުވެލީގަ އެވެ. އެއާ އެކު އެ ވަބާއިގައި ޖެހުމުން ސަލާމަތްވެ ބޭނުންތެރި މީހަކަށް ނުވެވޭނެ ކަމުގެ ވިސްނުން މުޖުތަމައުގައި ފެތުރެމުންދިޔަ އެވެ. އޭގެ ވަބާގައި ޖެހޭ މީހުން މުޖުތަމައުން ބާކީ ކުރަންފެށިއެވެ.
ނަމަވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ދިވެހިން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް "ޖާނީ" ނުކުތީ އެ ހިސާބުންނެވެ. އެ ވަބާއިގައި ޖެހުމުން ސަލާމަތްވެ ބޭނުންތެރި މީހަކަށް ނުވެވޭނެ ކަމުގެ ވިސްނުން ދޮގުކަން ސާބިތުކޮށްދިނުމަށެވެ.
ގ. ގްރީންގޭ ގޯތިތެރޭގައި ވަރަށް އާދައިގެ ދަތިގޮތަކަށް 2005 ނޮވެމްބަރު، 29ގައި މަސައްކަތް ފެށި ޖާނީ ރަޖިސްޓްރީ ކުރުން ވެސް އޭރުވީ ގޮންޖެހުމަކަށެވެ. ނަމަވެސް އެ ޖަމިއްޔާގެ އަޒުމު ގުޑިއަކަށް ނުދިނެވެ. އޮފީހެއްގެ ހަތަރުފާރުގެ ތެރެއިން ނުކުމެ މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތީގައި ބިތްޖެހިފައިވާ ޒުވާނުން ހޯދަން އެ ޖަމިއްޔާއިން ނުކުތެވެ. އެ ޒުވާނުންގެ އަތުގައި ހިފައި އެހީވުމަށެވެ.
އޭރު ވެސް އެ ޖަމިއްޔާގެ އަމާޒަކަށްވީ ދެކަމެކެވެ. މަސްތުވާ ތަކެއްޗަށް އަޅުދާސްތުވުމުގެ ބަލީގައި ޖެހިފައިވާ ފަރާތްތައް އަލުން އަނބުރާ މުޖުތަމައުއަށް ޒިންމާދާރުކަމާއި އުފެއްދުންތެރި އަދި މުޖުތަމައު އަށް ފައިދާހުރި ބައެއްގެ ގޮތުގައި ނިކުތުމަށް އެހީތެރި ވުމެވެ. މަސްތުވާތަކެތި ބޭނުން ކުރަން ނުފަށާނެ ކަހަލަ ދިވެހި ދަރިން ބިނާކުރުމެވެ.

ޖާނީ ޖަމިއްޔާގެ އެހީތެރިކަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޒުވާނުންތަކެއް ---
އެގޮތުން، ސެލްފް ޑިވަލޮޕްމަންޓް ސެޝަންތަކާއި ޑްރަގް އެޑިޔުކޭޝަނާއި ރިކަވަރިކޯޗި އާއި ޕޭރަންޓް ސަޕޯޓް ދިނުމުގެ އިތުރުން ގާނޫނީ އެހީތެރިކަމާއި ހިލޭ އެޗްއައިވީ އެއިޑްސް ޓެސްޓް ކުރުމާއި ކައުންސެލިން ދިނުން އަދި ވަޒީފާގެ ފުރުސަތު ހޯދައިދިނުން ފަދަ ހިދުމަތްތައް އެ ޖަމިއްޔާގެ ފޯރުކޮށްދޭން ފެށި އެވެ.
ފުރާވަރުގެ ކުދިންނަކީ މަސްތުވާ ތަކެތި ބޭނުން ނުކުރާނެ ބަޔަކަށް ހެދުންވީ ޖާނީގެ ދެވަނަ އަޒުމަށެވެ. އެގޮތުން 'ރައިޒް'ގެ ނަމުގައި ރާއްޖޭގައި ފެށި އެ ޕްރޮގްރާމަކީ މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިގެން ރާއްޖޭގެ އެކި ރައްރަށުގައި ކުރިއަށްގެންދާ ރާއްޖޭގައި ފެށި އެފަދަ ފުރަތަމަ ޕްރޮގްރާމެކެވެ.
މި ހިދުމަތްތަކާ އެކު ޖާނީ އިން އެތައް އާއިލާއަކަށް ހިނިތުންވުން ގެނެސްދިނެވެ. އެތައް ބައެއްގެ ދިރިއުޅުން އުޖާލާކޮށްދިނެވެ. އިދާރީ ހިންގުމާއި ޕްރޮގްރާމްތަކަށް ގައުމީ ފެންވަރުގެ ތަފާތު އިނާމުތަކާއި ސަރުކާރުތަކުގެ އިތުބާރު އެ ޖަމިއްޔާއަށް ލިބެމުންދިޔަ އެވެ.
އެގޮތުން ނެޝަނަލް އެއިޑްސް ކައުންސިލް އަދި ނެޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގައި ވެސް މަދަނީ ޖަމިއްޔާތަކަށް ކަނޑައެޅިފައިވާ ގޮނޑި ދީފައިވަނީ ޖާނީ އަށެވެ. ޔުނިސެފް އަދި ޔޫއެންޑީޕީ ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވެސް ޖާނީ ބަލައިގަތްފައިވާ އިރު މުޖުތަމައުއަށް ހިދުމަތްދިނުމުގެ ދާއިރާއިން ޖާނީގެ ހިދުމަތް ބަލައިގަނެ މިއަހަރުގެ ގައުމީ އިނާމު ވެސް އެ ޖަމިއްޔާއަށް ސަރުކާރުން ވަނީ ދީފައެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ޖާނީއަށް ގައުމީ އިނާމު ރައީސް ހަވާލުކޮށްދެއްވަނީ ---
"ޖާނީއިން ދެކޭގޮތުގައި ޖާނީގެ ކާމިޔާބަކީ ހަމައެކަނި އެއެއް ނޫން. އެތައް ބަޔަކަށް އެހީ ލިބި، އުފާ ފާގަތިކަމުގައި ޒިންމާދާރު ދިރިއުޅުމެއް އަލުން ހޯދާފައިވުން. ޖާނީން މުޖުތަމައު އަށް ކޮށްދީފައިވާ އެންމެ ބޮޑު އެއް ކަމަކީ ކުރިން މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ މީހުން އަލުން މުޖުތަމައުއަށް ހަރުދަނާ އުފެއްދުން ތެރި ބައެއްގެ ގޮތުގާ ނެރެ، އެކަމަކީ ކުރެވިދާނެ ކަމެއް ކަން ސާބިތު ކޮށްދިނުން،" ޖާނީގެ މާސްޓާ ޓްރެއިނަރު އަލީ އަދީބް ވިދާޅުވި އެވެ.
ޖާނީގެ 11 އަހަރުވީ ދިގު ތާރީހުގައި އެ ޖަމިއްޔާގެ ހިދުމަތް ވަނީ މުޅި ރާއްޖެ އަށް ފުޅާކޮށް އުތުރާ ދެކުނުގެ ކަމާބެހޭ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިމަސައްކަތްތަކުގެ އަގުވަޒަންކޮށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަދި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން މީހުން ތަމްރީނު ކުރުމަށް އަންނަނީ ފުރުސަތު ދެމުންނެވެ.
"ޖާނީ އެދުމަކީ ޒުވާނުން ކަންކަމުގައި އިސްނަގައިގެން ގޮންޖެހުން ކުރިމަތިލާން މަސައްކަތް ކުރުން. ގައުމެއް ކުރިއަރާ ދާނީ މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންކަން ހައްލު ކުރެވިގެން. އެކަންކަމުގައި ޒުވާނުންގެ ދައުރު މުހިންމު،" އިންޓަނޭޝަނަލީ ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ރިކަވަރީ ކޯޗް އަދީބް ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން ޖާނީގެ މިއަހަރުގެ ޝިއާރެއް ކަމަށް ކަނޑައަޅާފައި ވަނީ "މަސްތުވާތަކެތީގެ ތެރެއަށް ވަންނަ މީހުންގެ އަދަދު މަދުކުރުމަށް - އިތުބާރުކޮށްގެން، އިތުބާރު ލިބިގަންނަން" މިއެވެ.