ގައުމުގެ ތަރައްގީއަށް ވުރެ އެގައުމުގެ އަމާންކަން މާ މުހިންމު ކަމަށާއި، އިގްތިސާދީ އަޖައިބުތައް އަންނާނީ އަމާންކަން ގައުމަށް އައުމުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ދުވަސް ފުރުން ފާހަގަކުރުމަށް ހޯމަދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ މުޅި ސިޔާސަތު ބައްޓަންވެފައި ވަނީ، އިގްތިސާދުގެ ތެރެއިން އިޖްތިމާޢީ ހަމަޖެހުން ގެނައުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ވިޔަފާރިތަކަށް އައި ހެޔޮ ބަދަލުތައް ކިޔައިދެއްވަމުން، ސައީދު ވިދާޅުވީ، ރާއްޖޭގައި އެތައް ހާސް އަހަރެއް ވަންދެން ރަސްކަން ކޮށް، ވެރިކަން ކުރެވެމުން އައި އިރުވެސް، ދުވަހަކުވެސް އެއްވެސް ވެރިއަކު، ގައުމުގެ މިނިމަމް ރިޒާވް ދަށް ކޮށްފައި ނުވާ ކަމަށެވެ.

"ރާއްޖޭގެ ވެރިއަކަށް ކުރަން ނުކެރުނު ކަމެއް، މިނިމަމް ރިޒާވް ދަށް ކުރުން. ރައީސް ޔާމީން މި ހާލަތުގައި 2014 ވަނަ އަހަރު 25 ޕަސަންޓުން 20 ޕަސަންޓަށް މިނިވަން ރިޒާވް ދަށް ކުރެއްވީމާ، ބޭންކުތަކަށް 15 މިލިޔަން ޑޮލަރުގެ އެކްސެސްއެއް އައި. އެއީ 863 މިލިޔަން ރުފިޔާގެ އެކްސެސްއެއް،"

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ސައީދު ވިދާޅުވީ، އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް މިނިމަމް ރިޒާވް 10 ޕަސަންޓަށް ދަށް ކުރުމުން ބޭންކުތަކަށް 1.1 ބިލިޔަން ރުފިޔާގެ އިތުރުވުމެއް އައި ކަމަށާއި، އޭގެ ހެޔޮ އަސަރު ކުރީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.

"މީގެ މާނައަކީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އަދި ތަފާތު ޕްރޮޖެކްޓްތަކަށް ބޭންކުތަކުން ލޯނުގެ ގޮތުގައި ދެވޭނެ ފަންޑުތައް އިންޖެކްޓް ކުރީއޭ އިކޮނޮމީ ތެރެއަށް،" މިނިސްޓަރު ވިދަޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އިޝާރާތް ކުރައްވަމުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ފަސް އަހަރު ތެރޭގައި 50 ރިސޯޓު ރާއްޖޭގައި ހެދުމަށް ނިންމާފައިވާ އިރު، އޭގެ ކޮންމެ ރިސޯޓަކަށް ގާތްގަނޑަކަށް 60 މިލިޔަން ޑޮލަރު، އިންވެސްޓަރުން ޚަރަދުކުރަން ޖެހޭނެ ކަމަށެވެ.

"މި ދައްކަނީ ތިން ބިލިޔަން ޑޮލަރުގެ ވާހަކަ، ފަސް އަހަރު ތެރޭގައި. ބޮކި ޖަހައިގެން ކަނޑުންތޯ މި ފައިސާ އަރަނީ؟ ރިސޯޓު އޯނަރުން ކޮންތާކުންތޯ މި ފައިސާ ގެންނަނީ؟

"ބޭރުން. ބޭންކުތަކުން. ފައިނޭންޝަން އިންސްޓިޓިއުޝަންތަކުން. ކޮބައިތޯ ސިއްރަކީ؟ ސިއްރަކީ ސްޓެބިލިޓީ. ހަމަޖެހުން،"

ސައީދު ވިދާޅުވީ، ދުނިޔޭގައި ފައިސާ ލޯނުކުރާ ކޮންމެ ބަޔަކުވެސް އެންމެ ފުރަތަމަ ހަދާ އޮޑިޓަކީ، އެ ފައިސާއެއް ދާ ގައުމެއްގެ ހާލަތު ދެނެގަތުން ކަމަށާއި، ރާއްޖޭގެ އެ ހާލަތު ދައްކުވައިދޭ ކްރެޑިޓް ރޭޓިންގްވެސް ރާއްޖޭގައި ހަދާފައިވާ ކަމަށެވެ.

"ދިވެހިރާއްޖެއަށް މި އެނބުރޭ ފައިސާތައް އެނބުރެނީ، ރާއްޖޭގައި އެކަންކަން ދަންނަ ވެރިއަކު ހުރިކަން ބޭރުގެ ދުނިޔެއިން ގަބޫލުކުރާތީ،" ސައީދު ވިދާޅުވިއެވެ.