16 Jun 2011, 12:55
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓް އެމްޑީޕީން މަޖިލީހަށް ވައްދައިފި ނަމަ ދެ ވަޒީރެއްގެ އިތުރުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމުގެ އިންޒާރު އިދިކޮޅު މެންބަރުންދީފި އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އިދިކޮޅު މެންބަރަކު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި ނަމަ، އެންމެ ވޯޓެއްގެ ތަފާތަކުން މަޖިލީހުގެ ރުހުން ލިބިވަޑައިގެންނެވި ހޯމް މިނިސްޓަރު ހަސަން އަފީފާއި ފިނޭންސް މިނިސްޓަރު އަހުމަދު އީނާޒުގެ މައްޗަށް އިތުރުބާރު ނެތް ކަމުގެ މައްސަލަ ވައްދާނެ ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދައިފި ނަމަ، ދެ ވަޒީރެއްގެ މައްސަލަ ވައްދާނަން. މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދާފިއްޔާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނަން،" މަޖިލީހުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އިދިކޮޅު މެންބަރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިތުރުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާ ނަމަ 10 މެންބަރެއްގެ ސޮއި ހޯދަން ޖެހޭތީ އެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އިނާޒުގެ މައްޗަށް އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޓަކައި 14 މެންބަރެއްގެ ސޮއި ލިބިފައިވާ ކަމަށާއި އަފީފުގެ މައްސަލަ ވެއްދުމަށް ޓަކައި ލިޔެކިޔުންތައް ތައްޔާރު ކުރަމުންދާ ކަމަށެވެ.
އަފީފު އާއި އިނާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޓަކައި މަސައްކަތް ކުރަމުންދަނީ ޑީއާރްޕީ/ޕީއޭ ކޯލިޝަންގެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ އިތުރުން ގައުމީ ޕާޓީ އާއި މިނިވަން ބައެއް މެންބަރުންނެވެ.