09 May 2010, 10:17
14:30
ކޮންމެ މިނިސްޓްރީއެއްގައި އިންފޮމޭޝަން އޮފިސަރެއް ގާއިމްކުރެވިފައިވާނެ ކަމަށާއި، ގާނޫނު ބަޔާންކުރާ މިންވަރަށް މިނިސްޓްރީތަކުން މައުލޫމާތު ނުލިބިއްޖެނަމަ ޝަރީއަތަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑިގެންފި އެވެ.
މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެކަލްޓީ އޮފް އާޓްސްއިން ހިންގާ ޑިޕްލޮމާ އިން ޖަރނަލިޒަމް ކޯހުގެ ބައިވެރިންނަށް، ސިޔާސީ ބަހުރުވައާ ބެހޭގޮތުން ތަގުރީރު ކުރެއްވުމަށްފަހު ކޯހުގެ ބައިވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ނޫސްވެރިޔާ ހޯދަންޖެހޭ މައުލޫމާތުތައް މިނިސްޓްރީ ތަކުގެ ވެބްސައިޓްގައި ހުންނާނެ ކަމަށެވެ. އަދި ހަބަރު ލިއުމަށްފަހު ނޫސްވެރިޔާ މިނިސްޓްރީތަކަށް ގުލަންޖެހެނީ ހަމައެކަނި ކޯޓޭޝަން ހޯދަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިޔާސީ ބަހުރުވައާ ބެހޭގޮތުން ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީގެ ކުރިން ރާއްޖޭގައި ހައްޔަރުވެފައި ތިބީ ހަމައެކަނި ލިޔުންތެރިން ނޫން ކަމަށެވެ. އަދި ހިފެހެއްޓިފައި އޮތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކަނި ނޫން ކަމަށާއި، ރާއްޖޭގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ދިވެހިބަސް ހައްޔަރުކުރެވިފައި އޮތުން ކަމުގައި ވެސް ވިދާޅުވި އެވެ.
ނަމަވެސް، މިފަދަ ބަސްތައް ބޭނުންކުރުމުގެ މިނިވަންކަން މިއަދު ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ އާ ބަސްތައް ބޭނުންކުރަން ފެށިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިޔާސީ ނިޒާމާބެހޭ ބަސްތައް ހިމެނޭ ކަމަށާއި، ސިޔާސީ ނިޒާމްގެ ތެރޭގައި ހުރި ބަސްތައް ބޭނުންކުރަމުން ދާއިރު، އެ ބަސްތަކަކީ އިތުރަށް ތަފްސީލުވާ ބަސްތަކަށް ވެއްޖެނަމަ، ފަހުން އެބަސްތައް ބޭނުންކުރުމުގައި އެހާބޮޑު ބުރައެއް އުފުލަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބަހުގެ ސީދާ މާނާގައި އެބަހެއް ބޭނުން ކުރުމަކީ، ރަނގަޅަށް ލިޔާ ޖާނަލިސްޓެއްގެ ވާޖިބެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.