އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ޓޫރިޒަމްގެ ސިނާއަތް އެއްކޮށް ބަދަލުކޮށްލާނެ ދެ މަޝްރޫއު ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ "ހަބޭސް3" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ، މާލޭ އެއާޕޯޓުގެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ކުރިއަށްދާ ކަމަށާއި، އެ ޕްރޮޖެކްޓް ނިމުމުން މިހާރު އޮތް އިގްތިޞާދު ދެގުނައަށް އިތުރުވެގެން ދާނެ ކަމަށެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

"މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ޓޫރިޒަމްގެ އިތުރުން އެހެން ސިނާއަތްތައްވެސް އެއްކޮށް ބަދަލުކޮށްލާނެ ދެ ޕްރޮޖެކްޓް. އަދި އޭގެ އިތުރުން މިއާ ގުޅުވައިގެން ރީޖަނަލް އެއާޕޯޓްތަކެއް ޑިވެލޮޕްކޮށް، ރީޖަނަލް އެއާޕޯޓްތަކަށް މީހުންނަށް އުދުހެވޭ ގޮތް ރޭވުމަކީ އެއީ ރާއްޖޭގެ އިގްތިޞާދު އޭގެ މައްޗަށް ބިނާވެފައިވާ ޓޫރިޒަމްއާއި ފިޝަރީޒް ފަދަ އިންޑަސްޓްރީތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިިގެންދާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެއާޕޯޓުތަކުގެ ސަބަބުން އާއްމުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ތާރީހުގެ 50 އަހަރު ހޯދާފައި ނުވާހާ ގިނަ ކާމިޔާބީތަކެއް ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރު ތެރޭގައި ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވޭތުވެދިޔަ ތިން އަހަރަކީ މިރާއްޖޭގެ ތާރީހުގައި މިދިޔަ 50 އަހަރަށް ބަލާލި ކަމުގައި ވިޔަސް އެޗީވްނުވާ ވަރަށް ރައްޔިތުންނަށް ތަފާތު ހިދުމަތްތައް ތަފާތު ގޮތްގޮތަށް އެޗީވްވެފަ އަދި ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ރައްޔިތުންގެ ވެރިކަން ކުރެވިފައިވާ ތިން އަހަރު ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަން،" ޒަމީރު ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

އޭނާގެ ވާހަކަފުޅުގައި ރައްޔިތުންގެ ހިދުމަތުގައި ގާނޫނަށް ގެންނަށް ޖެހޭ ބަދަލުތައް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެސްއީޒެޑް ބިލްގެ ސަބަބުން އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ޖެހިލުން ނުވާކަމަށް ވިދާޅުވި އެވެ.

"އިންވެސްޓަރުންގެ ކޮންފިޑެންސް ރާއްޖެއަށް ލިބިއްޖެ. އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި ރާއްޖެއަކީ މިހާރު އިންވެސްޓަރުންނަށް އެކަށީގެންވާ މާހައުލެއް އޮތްތަނެއް،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރުގައި ތަރައްގީއަށް ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.