އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާ އަށްކުރި ތަމްރީން ދަތުރުގެ ތެރެއިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗު ވާދަވެރި ކުޅުމަކަށްފަހު ލަންކާ އަތުން ބަލިވެއްޖެ އެވެ.

ތަމްރީން ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ރާއްޖޭގެ ޓީމު މިއަދު ކުޅުނު މެޗުން ބަލިވެފައި ވަނީ 3-1 ސެޓުންނެވެ.

ތަމްރީން މެޗުގައި ކުޅުނު ހަތަރު ސެޓުގައި ވެސް ރާއްޖޭގެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ސެޓު 25-23 އިން ލަންކާ ގެންދިޔަ ނަމަވެސް، ދެ ވަނަ ސެޓު 29-27 އިން ގެންދިޔައީ ރާއްޖޭގެ ޓީމެވެ. ލަންކާ ޓީމުން ފަހު ދެ ސެޓު ގެންދިޔައީ 18-25 އަދި 18-25 އިންނެވެ.

ރާއްޖޭގެ ޓީމު ލަންކާގައި އިއްޔެއިން ފެށިގެން 20 ދުވަހުގެ މުއްދަތަކަށް ތަމްރީންތައް ކުރިއަށްގެންދާނެ އެވެ. ގައުމީ ޓީމު ލަންކާއަށް ދިއުމާއެކު އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ލަންކާގެ ކޯޗު ވެސް ވަނީ ޓީމާ ގުޅިފައެވެ. ގައުމީ ވޮލީ ޓީމުގެ އާ ކޯޗަކަށް ހަމަޖައްސާފައި ވަނީ ލަންކާ ގައުމީ ވޮލީ ޓީމުގެ ކުރީގެ ކޯޗު ކުމާރާ ވެންޑަކޫން އެވެ.

ތަމްރީން ދަތުރުގައި އިއްޔެ ފުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ 15 ކުޅުންތެރިންނާއި، ދެ އެސިސްޓަންޓް ކޯޗާއި، މެނޭޖަރު އަދި ރެފްރީ އުނައިޝް މުހައްމަދެވެ.

އެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިޝާން މުހައްމަދު (ބަޓިސް) އާއި، ހުސައިން ވިޝާމް އާއި، އަހްމަދު ފާޒިލް އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އާދަމް ފައިރޫޒް އާއި، އަހްމަދު އަނިލް ނަސީރު އާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި، މުހައްމަދު އަހުސަން އާއި، އަލީ ޖަވާމް އާއި، މުހައްމަދު ޝާއިން އާއި، ހަސަން ނިލާމް އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އާދަމް ނަސީމް އަދި ލުގުމާން ލަތީފެވެ.

ޓީމުގެ މެނޭޖަރެއްގެ ގޮތުގައި އަބްދުﷲ ރަޝީދު ދަތުރުގައި ބައިވެރިވި އިރު، އެސިސްޓަންޓް ކޯޗުންނަށް ހަމަޖެއްސި އިބްރާހިމް ޝިހާމާއި ރާއްޖޭގެ ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ ނިޒާރު އިބްރާހިމް ވެސް ދަތުރުގައި ބައިވެރިވި އެވެ.