ސިޔާމް-މައުރޫފް ސޮކާ ކަޕްގައި މުހައްމަދު ޒަމީރުގެ ހެޓްރިކާއެކު ފަސޭހަކަމާއެކު ޅޮހި ބޯޅަ ޓީމު ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ހޮޅުދޫ އެފްސީން ފެށުން ރަނގަޅުކޮށްފި އެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިއަދު ހަވީރު ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ހޮޅުދޫން ޅޮހި ޓީމު އަތުން މޮޅުވެފައި ވަނީ 4-0 ލަނޑުންނެވެ.

އެ މެޗުގެ 26 ވަނަ މިނެޓުގައި ޒަމީރުގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާގެ ދެ ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ހޮޅުދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓް ފަހުން ހޮޅުދޫގެ ޒަމީރު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ހޮޅުދުއަށް ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި ހޮޅުދުއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓަރީއަށް ކުޅެމުންދާ މޫސާ އިބްރާހިމެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ސިޔާމް-މައުރޫފް ސޮކާ ކަޕްގައި ނ. އަތޮޅުގެ 13 ރަށުން ވެސް ބައިވެރިވެފައިވެ އެވެ. ފާއިތުވެދިޔަ ދެ އަހަރު އެ މުބާރާތް ކުޑަފަރީގައި ބޭއްވި ނަމަވެސް، ތިން ވަނަ ސިޔާމް-މައުރޫފް ސޮކާ ކަޕް ކުރިއަށްދަނީ ކެނދިކުޅުދޫގައެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ 'ގްރޫޕް އޭ'ގައި ހިމެނެނީ ކުޑަފަރީ އެފްސީ އާއި، މަގޫދޫ އެފްޓީ އާއި، އެފްސީ މާފަރާއި، ވެލިދޫ އަދި ލަންދޫ އެފްސީ އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ ހޮޅުދޫ އެފްސީ އާއި، ޅޮހި ބޯޅަ ޓީމާއި، ހެނބަދޫ އެފްޓީ އަދި މިލަދޫ އެވެ. 'ގްރޫޕް ސީ'ގައި ހިމެނެނީ ކެނދިކުޅުދޫ އެފްސީ އާއި، ފޮއްދޫ އެފްސީ އާއި، މާޅެންދޫ އެފްޓީ އަދި މަނަދޫ އެފްޓީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް އިސްނެންގެވުމާއެކު ނ. އަތޮޅުގައި ފުޓްބޯޅަ ކުރިއަރުވާ، އެ އަތޮޅުން ރަނގަޅު ފެންވަރުގެ ކުޅުންތެރިން ފުޓްބޯޅައަށް ތައާރަފް ކުރުމުގެ މަގްސަދުގައި ކުރިއަށްދާ އެ މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ 'ގްރޫޕް ބީ'ގެ މެޗުގައި ބައްދަލުކުރާނީ ހެނބަދޫ އެފްޓީ އާއި މިލަންދޫ އެވެ.

މާލޭގެ އުތުރުގައި އަދި ނ. އަތޮޅުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ޗެމްޕިއަން ޓީމަށް މި އަހަރު 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި އިރު، ރަނަރަޕަށް ހުށަހަޅާފައި ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ފެއާޕްލޭ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، އެންމެ ފޯރިއާއެކު ސަޕޯޓްކުރާ ޓީމަށް ހުށަހަޅާފައި ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.