28 Nov 2016, 17:56
ނިއު ދިއްލީ(ނޮވެމްބަރު 28): އިންޑިއާގެ ފައިސާގެ ދެ ނޫޓެއް ކުއްލިއަކަށް އުވާލުމާ ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ.
އެއްވެސް އިންޒާރަކާ ނުލައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓު އުވާލުމާ ގުޅިގެން އެ ނޫޓުތައް ބަދަލު ކުރުމަށާއި އާނޫޓުތައް ނެގުމަށް ބޭންކުތަކާއި އޭޓީއެމްތައް ކައިރީ ކިޔޫ ހަދައިގެން ތިބުމަށް އެތައް ހާސް ބަޔަކަށް މަޖުބޫރުވި އެވެ.
ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި އެފިޔަވަޅު އަޅާފައި ވަނީ ކަޅު ފައިސާ ދައުރު ކުރުން ހުއްޓުވުމަށާއި ކޮރަޕްޝަން ނައްތާލުމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ، މިދިޔަ ހަފްތާގައި އޮތް މަޖިލިސް ބައްދަލުވުންތަކަށް ވެސް ހުރަސް އަޅާފައެވެ.
އިންޑިއާގެ ސަރުކާރާ އިދިކޮޅު ބައެއް ޕާޓީތަކުން އިންތިޒާމު ކޮށްގެން ބޭއްވި މުޒާހަރާތަކުގައި ކަލްކަޓާއިން ގާތްގަނޑަކަށް 25،000 މީހުން ބައިވެރިވެފައިވާ އިރު މުމްބާއީ އިން 6،000 މީހުން މުޒާހަރާކޮށްފައިވެ އެވެ.
"އަޅުގަނޑުމެން މިމުޒާހަރާ ކުރަނީ ސަރުކާރުން އެއްވެސް އިންޒާރަކާ ނުލައި ގާނޫނާ ހިލާފަށް ނިންމި ނިންމުމަކާ ގުޅިގެން ގައުމުގެ އެތައް ބަޔަކަށް ކުރިމަތިވެފައިވާ މާލީ ކުއްލިހާލަތާ ދެކޮޅަށް،" ކޮންގްރެސް ޕާޓީގެ މެމްބަރެއް ކަމަށްވާ މަނިޝް ތިވާރީ ވިދާޅުވި އެވެ.
އިންޑިއާގައި ގާތްގަނޑަކަށް 90 ޕަސެންޓް ވިޔަފާރިތައް ކުރަނީ ނަގުދު ފައިސާ ބޭނުން ކޮށްގެންނެވެ. އަދި ބޭންކް އެކައުންޓެއް ހަދާފައި ނުވާ އެތައް ބަޔަކު ދިރިއުޅޭ އިރު އުވާލި ދެނޫޓަކީ އިންޑިއާގައި ދައުރުވަމުން ދިޔަ ފައިސާގެ 86 ޕަސެންޓު ފައިސާ އެވެ.
ނޫޓުތައް އުވާލުމަށް ފަހު ބޮޑުވަޒީރު މޯދީ ދެއްވި ފުރަތަމަ ތަގުރީރުގައި އޭނާ ވަނީ ނަގުދު ފައިސާއަށް ވުރެ ގިނައިން ޑިޖިޓަލް ޕޭމެންޓު ބޭނުން ކުރުމަށް އާއްމުންގެ ފަރާތުން އެދިވަޑައިގެންފައެވެ. (އޭއެފްޕީ)