16 Jun 2011, 12:26
މާލޭގައި ތަކެތީގެ އަގުތައް ނޫނީ އިންފުލޭޝަން އަހަރެއް ތެރޭގައި 7.62 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ އިންފުލޭޝަންގެ މިންގަނޑު ބަލައި އެންމެ ފަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް ]ސީޕީއައި[ އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ މޭ މަހުގެ ނިޔަލަށް މާލޭގެ އިންފްލޭޝަން ރޭޓް، އޭގެ ކުރީ 12 މަސް ދުވަހާ އަޅާބަލާ އިރު 7.26 މައްޗަށް ގޮސްފައި ވަނީ ކާބޯތަކެއްޗާއި ގެދޮރު އިމާރާތްކުރުމާއި ފެނާއި ކަރަންޓް އަދި ގޭހުގެ ބައިންނެވެ.
އަގުތައް އެންމެ މައްޗަށް ގޮސްފައިވާ ކާބޯތަކެތީގެ އަގުތައް ވަނީ އެވްރެޖްކޮށް 11.11 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ. އޭގެ ތަފްސީލްތަކަށް ބަލާއިރު ތޮޅިމިރުސް، މުގު، ކެބެޖް، ލުނބޯ، އަދި ކަރާގެ އަގުތައް ވަނީ 25 ޕަސެންޓަށް ވުރެ މައްޗަށް އުފުލިފަ އެވެ. ރާއްޖޭގައި އުފައްދާ ބައެއް ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރި ގޮތަށް ބަލާ އިރު ކާށީގެ އަގު ވަނީ 76 ޕަސެންޓް މައްޗަށް އުފުލިފަ އެވެ. މަސްވެރިންގެ މަހުގެ އަގުތަކަށް އައިސްފައި ހުރި ބަދަލަށް ބަލާ އިރު ބާޒާރުގައި މަހުގެ އަގު ވަނީ އެވްރެޖްކޮށް 29 ޕަސެންޓް މައްޗަށް އުފުލިފަ އެވެ.
ދެން އެންމެ ބޮޑަށް އަގުތައް އުފުލިފައި ހުރީ ގެދޮރު އިމާރާތްކުރުމާއި ފެނާއި ކަރަންޓްގެ ބައިގެ އަގުތައް ވަނީ 5.57 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
މިދިޔަ އެޕްރީލް މަހު ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލާއެކު ބާޒާރުގައި ތަކެތީގެ އަގު އަންނަނީ ބޮޑުތަނުން އުފުލެމުންނެވެ.