ދިލްބަހާރު ގޯޅީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ މިއަދު ހިނގި ހާދިސާގައި އަލިފާނުގެ އަސަރުކުރި ގެތަކުގެ ތެރެއިން އެހީތެރިކަމަށް އެދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) 44 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު 'ސަން' އަށް ވިދާޅުވީ، އެހީތެރިކަމަށް އެދުނު މީހުންނަކީ ހަ ގެއެއްގެ މީހުން ކަމަށާއި އޭގެ ތެރެއިން 19 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޑީއެމްސީގައި ކަމަށެވެ. ރަޖިސްޓްރީކުރި މީހުންނަށް މިހާރު ވެސް ސަރުކާރުގެ ފަރާތުން ކުއްލި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އެ މީހުންނަށް މާލެ އިން ވަގުތީ ހިޔާ ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާއިރު، ހާދިސާގައި ގެދޮރު ހަލާކުވި މީހުންނަށް، ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯން ހަމަޖައްސައިދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު 12:30 ހާއިރު ހިނގި އެ ހާދިސާގައި ރޯވި ގުދަން ކައިރި ގެތަކުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެ އެވެ. ނަމަވެސް ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހަ ގެއަކުން މީހުން ހުސްކޮށް ބައެއް ގެތަކުން ވަނީ ކަރަންޓް ވެސް ކަނޑާލާފައެވެ.

ޑީއެމްސީގެ އިންފޮމޭޝަން އޮފިޝަލު ވިދާޅުވީ، މިހާތަނަށް އެ ސެންޓަރުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ ދެ ގެއެއްގެ 19 މީހަކަށް ކަމަށެވެ. އަދި އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ، ޒަރޫރީ ބޭނުންތައް ފުއްދައިދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ، ހާލުގައި ޖެހިގެން އެހީތެރިކަމަށް އެދި އިތުރު ބަޔަކު އެ ސެންޓަރަށް އައުމުގެ މަގުމަތީގައިވާ ކަމަށެވެ. ނަމަވެސް އެއީ ކިތައް ގެއެއްގެ ކިތައް މީހުން ކަމެއް އަދި ސާފުނުވާ ކަމަށް ބުންޏެވެ.

އޮފިޝަލު ވިދާޅުވީ، ހާލުގައި ޖެހިގެން އެ ސެންޓަރުގައި ރަޖިސްޓްރީ ކުރާ މީހުންގެ ގެ ތަކަކީ އަނބުރާ ދެވޭނެ ފަދަ ތަނެއްތޯ ބަލައި ދިރިއުޅުމަށް އެކަށީގެންވާނަމަ ގެތަކަށް އަނބުރާ ފޮނުވާލާނެ ކަމަށެވެ.

އޭގެ ތެރެއިން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހިއްޖެ މީހަކު ތިބުމަށް މާލޭގެ ހޮޓާތަކާ ގެސްޓް ހައުސްތައް ބަލަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އަލިފާނުގެ ހާދިސާ ހިނގި ގުދަނަކީ މއ ކާމިނީ ކޮމްޕްލެކްސް ފުރަގަހުގައި ބްރަދަހުޑް ގުރޫޕް ޕްރައިވެޓް ލިމިޓެޑުން ބޭނުންކުރަމުންދާ ގުދަނެކެވެ.

ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާ، ކޮސްމެޓިކްސް ހުރި ހަތަރު ބުރީގެ އެ އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވެ އެތަން އަދާފައިވާއިރު، ގުދަން ހުރީ އިނޝޫއަރެންސް ކޮށްފައި ކަމަށް ބްރަދަހުޑް ގުރޫޕުން ބުނެ އެވެ.