28 Nov 2016, 14:20
ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ކަރުގައި ބާރަށް ހިފާފައި ހުރިކަން އެނގޭ ކަމަށާއި، ބަނޑަށް ލޭވެސް އެޅިފައި ހުރި ކަމަށް އިބްތިހާލު ބެލި ޑޮކްޓަރަކު ވިދާޅުވެއްޖެ އެވެ.
އިބްތިހާލް މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށެވެ.
މިއަދު އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން އިބްތިހާލުގެ ހަށިގަނޑު މޮނީޓާކުރި ޑރ. އަހުމަދު ނިޝާން ވިދާޅުވީ އިބްތިހާލް ކަރުގައި ވަރަށް ބާރަށް ހިފާފައި ހުރިކަން އެނގޭ ކަމަށެވެ. އަދި ބަނޑަށް ލޭ އެޅިފައިވާ ކަމަށްވެސް ޑރ. ނިޝާން ވިދާޅުވި އެވެ. އެއީ އިބްތިހާލް މަރުވާން ދިމާވި ސަބަބަށް ވެދާނެ ކަމަށް ވެސް ނިޝާން ވަނީ ވިދަޅުވެފަ އެވެ.
އޭގެ އިތުރުން އިބްތިހާލްގެ މޭގެ ކަށިތައް ބިންދައިގެން ގޮސްފައިވާކަން ނިޝާން ވަނީ ފާހަގަކޮށްފަ އެވެ. އިބްތިހާލު ދުނިޔޭގައި ހުރިނަމަ އެކަން ރަނގަޅު ކުރެވުނީސް ކަމަށް ޑރ. ވިދާޅުވި އެވެ.
ޑރ. ނިޝާންގެ އިތުރުން އެ މައްސަލާގައި ދެން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ޑރ. އައްބާސް އަބްދުލް ހަމީދު އަދި ޑރ. އަހުމަދު ޒިޔާން އެވެ. ނަމަވެސް އެ ދެ ޑޮކްޓަރުންގެ ހެކިބަސް މިއަދު ނަގާފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުމުގައިވެސް އާފިޔާއަށް ވަކީލެއް އައްޔަން ކުރުމާ ބެހޭ ގޮތުން ދައުލަތުން ވަނީ ވާހަކަދައްކާފަ އެވެ. ނަމަވެސް ގާޒީ ވިދާޅުވީ އާފިޔާ ވަކީލެއް ބޭނުން ނުވާއިރު އޭނާއަށް ދަގަކަމުން ވަކީލެއް އައްޔަން ކޮށް ނުދެވޭނެ ކަމަށެވެ.
މީގެ ކުރިން ޝަރީއަތުގެ މަޖިލީސްތަކުގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އެއްބަސްވެފަ އެވެ.
އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ "އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ" ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފަ އެވެ.