މަސްވެރިންނަށް ދައުލަތުން ދޭން ލާޒިމުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ސަބްސިޑީ 21 ދުވަހުގެ ތެރޭގައި ނުދީފި ނަމަ، މަސްވެރިންގެ ހައްގުގައި ކޯޓު މެދުވެރިކޮށް ސަބްސިޑީ ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ގައުމީ ޕާޓީން ސަރުކާރަށް ދީފި އެވެ.

ގައުމީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، މަސްވެރިކަމަކީ ނިސްބަތުން ބޮޑު އާބާދީއެއް އެ މަސައްކަތުގައި ޝާމިލްވާ، ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ސިނާއަތަށްވާ އިރު ސަރުކާރުން އެ ސިނާއަތު ކުރިއެރުވުމަށް ޓަކައި އެކަށީގެންވާ މަސައްކަތެއް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްފައިނުވާކަން ގިނަ ބަޔަކު ފާހަގަކުރާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހިންގެ ލޭނާރުކަމުގައި ދެކެމުންއައި މަސްވެރިކަމުގެ ސިނާއަތު މިއަދު މި ވަނީ "ދަށްވެގެންގޮސް މަސްވެރި އާއިލާތައް ބަނޑަށް ޖެހޭ ހިސާބުގައި" ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަސްވެރިން ދުވާލުގެ ހަތަރުދަމު ހޭދަކޮށްލުމަށް ފަހު ލިބޭ މަދު ފައިސާކޮޅުން ތެލުގެ ހަރަދު ހަމަޖައްސާފައި ބާކީ ގެއަށް ގެންދާނެ ފައިސާފޮއްޗެއް ނުލިބުމަކީ މިއަދު މަސްވެރި އާއިލާތަކުން ކަންބޮޑުވާނެ ކަމެއް ކަމަށާއި ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު ގޭތެރޭގެ ހަރަދު އިތުރަށް ބޮޑުވެގެންދާނެ ކަމާ މެދު ޝައްކެއް ނެތް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

"ވީމާ، މަސްވެރިންނަށް ދައުލަތުން ދޭން ލާޒިމުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ސަބްސިޑީ ވަގުތުން ދިނުމަށް ސަރުކާރަށް މިޕާޓީން ގޮވާލަމެވެ. އަދި 21 ދުވަހުގެ ތެރޭގައި ސަބުސިޑީ ނުދީފި ނަމަ، މަސްވެރިންގެ ހައްގުގައި ކޯޓް މެދުވެރިކޮށް ސަބްސިޑީ ހޯދުމަށް މަސައްކަތް ކުރާނެ ވާހަކަ އަންގަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ސަބުސިޑީ ދީފައިނުވަނީ ބަޖެޓުގައި ފައިސާ ނެތުމުންކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދުދެމުން ގައުމީ ޕާޓީން ބުނެފައި ވަނީ، "މަަސްވެރިންނަށް ދޭން ޖެހޭ ސަބުސިޑީ ދީފައިނުވަނީ ބަޖެޓުގައި ފައިސާނެތުމުންކަމަށް ސަރުކާރުން ބުނާ އިރު އެތައްބައިވަރު ސިޔާސީ މަގާތަކެއް އުފައްދާ ބޮޑު މުސާރަތައް ދަނީ ދެއްވަމުން" ކަމަށެވެ. އަދި އިތުރަށް އެ ބަޔާނުގައި ބުނެފައިވެ އެވެ: "މިސަރުކާރުގެ މިއަމަލުން ދޭހަކޮށްދެނީ މަސްވެރިންނަށް ދޭން ޖެހޭ އަހައްމިޔަތުކަމުގެ ކުޑަކަމާއި އެސިނާއަތު ތަރައްގީކުރުމުގައި ވެފައިވާ އިހްމާލުގެ ބޮޑުކަމެވެ."

ދި ޓީވީ އަށް ދިން އިންޓަވިއެއެއްގައި ފިނޭންސް މިނިސްޓަރުގެ ނައިބު ފާތިމަތު ނުޒުހާ ވިދާޅުވެފައި ވަނީ، މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ ނަމަވެސް އެ ފައިސާ ދޫނުކޮށް ބަހައްޓާފައި ވަނީ "މާލީ ހާލަތު ތަން ނުދޭތީ" ކަމަށެވެ.

ނަމަވެސް، ފިޝަރީޒް އިން ކުރިން ބުނެފައި ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭ މަސްވެރިންނަށް ސަބްސިޑީ ދޫކުރަން ފަށާނެ ކަމަށެވެ.

މަސްވެރިކަން ދަށްވެ، އަދި ސަބްސިޑީ ލިބުން ވެސް ލަސްވުމާ ގުޅިގެން މަސްވެރިން ދަނީ އެކަމާ ވަރަށް ބޮޑަށް ޝަކުވާކުރަމުންނެވެ.