އދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އދ. މަހިބަދޫ، ސުހާނާ އާދަމް އިސްތިއުފާ ދެއްވުމުން އެ މަގާމަށް އަތޮޅު ކައުންސިލްގެ މެމްބަރު އަބްދުލްމުހައިމިނު ހޮވައިފި އެވެ.

އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ މެމްބަރު އަބްދުލް މުހައިމިނު އެ މަގާމަށް ހޮވީ މިއަދުގެ ވޯޓުގައި ބައިވެރިވި ހަތަރު މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކައުންސިލްގެ މެމްބަރަކު މިއަދު ސަން އަށް ވިދާޅުވި އެވެ.

އދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ސުހާނާ، ކައުންސިލްގެ ރައީސްގެ މަގާމުންނާއި ކައުންސިލަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އެ ކައުންސިލްގައި މިހާރު ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ އެމްޑީޕީ ދެ މެމްބަރުންނާއި ޖޭޕީ ދެ މެންބަރަކާއި އަދި ޕީޕީއެމްގެ މެންބަރެކެވެ.

އދ. އަތޮޅު ކައުންސިލްގެ މެމްބަރު ވިދާޅުވީ ސުހާނާ މިހާރު ވަޒީފާ އަދާ ކުރައްވަނީ ސިވިލް ސާވިސްގެ މަގާމެއްގައި ކަމަށެވެ.