ލަންޑަން: ދުނިޔޭގައި އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމަކީ އަފްޣާނިސްތާން ކަމަށާ އަންހެނުންނަށް ދެވަނައަށް އެންމެ ނުރައްކާތެރި ޤައުމަކީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ކުރީގެ ޒަޔަރު) ކަމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރި ސާވޭއަކުން ހާމަވެއްޖެ އެވެ.

ރޮއިޓާސް ގެ ތޮމްސަން ފައުންޑޭޝަނުން ކުރި މި ސާވޭން ހާމަވާގޮތުގައި އަފްޣާނިސްތާނުގައި ހިނގަމުންދާ ހަނގުރާމައާއި އެޤައުމުގައި ޒަމާނުއްސުރެ ހަރުލާފައިވާ ޘަޤާފީ އާދަތަކެއްގެ ސަބަބުން އަފްޣާން އަންހެނުންގެ ހަޔާތާއި ދިރިއުޅުމާއި ފުރާނަވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

މީގެތެރޭގައި އަންހެނުން ނިކަމެތިކުރުމާއި ތަޢްލީމާއި ސިއްޙީ ޚިދްމަތްތައް ވަރަށް ކުޑަމިންވަރަކަށް ނޫނީ އަންހެނުންނަށް ނުދިނުމާއި އަންހެނުން ރޭޕްކުރުމާއި އެމީހުންގެ ޢިއްފަތް ފޭރުންފަދަ ޖަރީމާތައް ޢާންމުން ހިމެނެއެވެ. އަންހެނުންނަށް ދެވަނައަށް އެންމެ ނުރައްކާތެރި ޤައުމުކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަކީ އެންމެ ގިނަޢަދަދަކަށް އަންހެނުން ރޭޕްކުރެވޭ ޤައުމެވެ. މިމައްސަލަ ބޮޑުވެފައިވަނީ އެޤައުމުގައި ހިނގަމުންދާ ދިގުލީ އަހްލީ ހަނގުރާމައިގެ ސަބަބުންކަންވެސް މިސަރވޭން ހާމަވެ އެވެ.

މިސާވޭ ބުނާގޮތުން ތިން ވަނައަށް އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމަކީ ޕާކިސްތާނެވެ. 4 ވަނައަށް އިންޑިޔާއެވެ. ފަސްވަނައަށް ސޮމާލިޔާ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ސިފަކުރެވޭ އިންޑިޔާ، އަންހެނުންނަށް ނުރައްކާތެރި ހަތަރު ވަނަ ޤައުމަށް ވެފައިވަނީ އިންޑިޔާގައި އަންހެން ދަރިން މަންމަގެ ބަނޑުގައި އޮއްވައި (ފީޓަސް) ވައްޓާލުމާއި އަންހެނުން އަޅުވެތިކޮށް ހިޔުމަން ޓްރެފިކިންގެ ގޮތުގައި އަންހެނުންގެ ވިޔަފާރިކުރުމާއި ކިރުބޯ އުމުރުގެ ޅަ އަންހެންކުދިންގެ ޢައިލާތަކުން އެކުދިން މެރަމުން ގެންދިއުމުގެ ޢަމަލުތަކުގެ ސަބަބުންނެވެ.

އިންޑިޔާގެ އަންހެނުންނަށްވެސް އެންމެ ބޮޑަށް ނުރައްކާވެފައިވަނީ މުޖްތަމަޢުގައި އުފެދިފައިވާ ނުބައި އާދަކާދަތަކެއްގެ ސަބަބުން ކަމަށް ތޮމްސަން ފައުންޑޭޝަންގެ ސަރވޭ ބުނެއެވެ. -- ބީބީސީ