28 Nov 2016, 14:46
މާލޭ ހުޅަނގު ފަރާތުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނުގައި މޫދު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގެ ކާމިޔާބީތައް ފާހަގަކުރުމަށް އިއްޔެ ރަސްފަންނުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްފަންނުގައި މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖައްސަނީ އެސްޓީއޯގެ ފަރާތުންނެވެ. ނަމަވެސް އެ އިންތިޒާމް އެތަނުގައި ހަމަޖެހޭނީ ކިހާ ދުވަހެއް ފަހުން ކަމެއް ވިދާޅެއްނުވެ އެވެ.
"ވަރަށް އަވަހަށް އެސްޓީއޯގެ ދީލަތި އެހީއާއެކު މިތަނުގެ މޫދުގަ ކުޅިވަރު ކުޅެވޭނެ ސިސްޓަމެއް ގާއިމުކޮށް މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމް ދާދި އަވަހަށް ތައާރަފްކުރާނަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ރަސްފަންނަށް ގިނަ ހިދުމަތްތަކެއް އިތުރުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެމްޓީސީސީގެ ފަރާތުން ރަސްފަންނުގައި ބާބަކިއު ހަދާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް ބާބަކިއު ހަދަން ބޭނުންވާ ތަކެތި ވިއްކާނެ ފިހާރައެއް ވެސް ދަނީ ތަރައްގީ ކުރަމުންނެވެ. އެ ފިހާރަ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހު ހުޅުވޭނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަސްފަންނުގައި މޫދު ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖައްސާ އެތަނުގައި ބާބަކިއު ހަދާނެ ތަކެތި ލިބޭނެ ފިހާރައެއް ތަރައްގީ ކުރަން ނިންމާފައިވާއިރު، ރަސްފަންނު ބީޗްގައި ހަދާ ޕެވިލިއަންގެ މަސައްކަތް ކުރަމުންދަނީ އެމްޑަބްލިޔުއެސްސީގެ ފަރާތުންނެވެ. އެގޮތުން އެތަނުން ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕެވިލިއަންގެ ރެސްޓޯރެންޓް 10 އަހަރަށް ހިންގުމަށް ބްރަދާސް ކޭޓަރިންއާ އެމްޑަބްލިއުއެސްސީން ހަވާލުކޮށްފައިވާއިރު، އެތަނުގައި މަޝްހޫރު ފްރެންޗައިޒް ދެ ބްރޭންޑެއް ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހިންގަން ވަނީ ނިންމާފަ އެވެ.