މިދިޔަ ހޮނިހިރު، އުމްރާވެރިން ގޮވައިގެން ފުރުމަށް ހަމަޖެހިފައި އޮތް ސައުދިއާ އެއާލައިންގެ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ފަހު، އުމްރާވެރިންނާ އެކު ރޭ ފްލައިޓް ފުރައިފި އެވެ.

ސައުދިއާ އެއާލައިންގެ އެ ފްލައިޓުގައި ފުރުމަށް ހަމަޖެހިފައި އޮތީ، އަލް މަނާސިކު ހައްޖު އުމްރާ ޖަމާއަތުގެ 46 އުމްރާވެރިންނާއި ބައެއް އެހެން ޖަމާއަތްތަކަށް ނިސްބަތްވާ އުމްރާވެރިންނާ އެކު 300 އެއްހާ އުމްރާވެރިންނެވެ.

އަލް މަނާސިކު ހައްޖު އުމްރާ ޖަމާއަތުގެ ޑިރެކްޓަރު ޖޫލިޝާ އިބްރާހިމް "ސަން" އަށް ވިދާޅުވީ، ރޭ 8:45 އެހާކަންހާއިރު އެ ފްލައިޓު ފުރާފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު އެ އުމްރާވެރިންނަށް ސައުދީ އަރަބިއްޔާއަށް ދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދިއާ އެއާލައިންގެ ފްލައިޓަށް ފުރޭގޮތް ވީ، ދެ ދުވަހުގެ މަތިން، އުމްރާވެރިން ތިން ފަހަރަކު ފްލައިޓަށް އެރުވުމަށްފަހު އެވެ.

މަނާސިކު ހައްޖު ޖަމާއަތުގެ ޑިރެކްޓަރު ޖޫލިޝާ "ސަން" އަށް ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ހަވީރު ފްލައިޓު ފުރުމަށް ހަމަޖެހިފައި އޮތް އިރު، އެ ފްލައިޓަށް އުމްރާވެރިން އަރުވައި، ދެ ގަޑިއެއްހާ އިރު ބޭތިއްބުމަށް ފަހު ވަނީ ފްލައިޓުން ބާލައިފަ އެވެ.

އަދި އިއްޔެ މެންދުރު ވެސް އެ ފްލައިޓު ފުރުމަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އިއްޔެ ވެސް ފުރޭގޮތް ނުވި ކަމަށް ޖޫލިޝާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު، އުމުރުން ދުވަސްވީ މީހުން ވެސް އުޅޭނެ ދެއްތޯ. އެމީހުންނަށް ވެސް އުނދަގޫ ވާނެ ނޫންތޯ އެހާ ގިނަ އިރު ވަންދެން އެގޮތަށް ތިބެން ޖެހުމުން." އޭނާ ވިދާޅުވި އެވެ.

ސައުދިއާގެ ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅުނުކަން، އެ އެއާލައިނާއި އެއާޕޯޓުން ވެސް ވަނީ "ސަން"އަށް ކަށަވަރު ކޮށްދީފަ އެވެ.